"ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ މާތް އަންހެން ކަނބަލުންނަކީ މަރްޔަމް ބިންތި ޢިމްރާން އާއި ޚަދީޖަތު ބިންތި ޚުވައިލިދާއި، ފާޠިމަތު ބިންތި މުޙައްމަދު އަދި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތި މުޒާޙިމެވެ." [رواه أحمد وصححه الألباني]
މަރްޔަމް ބިންތި ޢިމްރާންއަކީ ޢީސާގެފާނުގެ މައިކަނބަލުންނެވެ. އެކަމަނާއަކީ ތަޤްވާވެރިކަމުގައި އަރައި އިންނެވި ބޭކނބަލެކެވެ. އެކަމަނާއަށް ﷲ ތަޢާލާ ވަނީ ތަޢްރީފްގެ ބަސްފުޅު ވަހީ ކުރައްވަވައިފައެވެ. އަދި އެކަމަނާގެ ނަންފުޅުގައި ކީރިތި ޤުރްއާނުގައި ސޫރަތެއްވެސް ވެއެވެ.
ޚަދީޖަތުގެފާނަކީ ރަސޫލް (ޞޢވ) ގެ ފުރަތަމަ އަނބިކަނބަލުންނެވެ. އަންހެން ބޭކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތީވެސް އެކަމަނާއެވެ! ﷲ ތަޢާލާ 7 އުޑުމަތިން އެކަމަނާއަށް ސަލާމް ވަޙީކުރެއްވެވިއެވެ.
ފާޠިމަތުގެފާނަކީ ރަސޫލް (ޞޢވ) އަށް ހުރިހާ ޙާލަތްތަކެއްގައި ޚިދުމަތް ކުރެއްވެވި ދަރިކަނބަލުންނެވެ! ރަސޫލް (ޞޢވ) ގެ ސިއްރުފުޅުތައް އެންމެ އެންމެ ބޮޑަށް އެނގިވަޑައިގަންނަވަނީވެސް އެކަމަނާއަށެވެ! އަދި ރަސޫލް (ޞޢވ) ސުވަރުގެވަޑައިގެންނެވިއިރު ދުނިޔޭގައި އިންނެވި ހަމައެކަނި ދަރިކަނބަލުންނެވެ.
ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތި މުޒާޙިމްއަށް މިފަދަ މަތިވެރި ޝަރަފެއް ލިބިވަޑައިގަތީ އެ ނުބައި ނުލަފާ ފިރުއަޢުނުގެ އަނބިކަނބަލަކަށް އިންނަވައި އީމާންކަމުގައި ސާބިތުވެވަޑައިގެންނެވިވަރުންނެވެ. ފިރުއަޢުނު އެކަމަނާއަށް ކުރި ގަދަފަދަ އަނިޔާތަކަށް ކެތްތެރިވެވަޑައިގެންނެވުމުންނެވެ.
ބައެއް ރިވާޔަތްތަކުގައި އެކަމަނާއަށް ގަދަފަދަ އަނިޔާތައް ލިބިވަޑައިގަންނަވަމުން ދިއަ ވަގުތުގައި ސުވަރުގޭގައި އެކަމަނާއަށް ޚާއްޞަކުރައްވަވާފައިވާ ގަނޑުވަރު އެކަމަނާގެ ލޯފުޅަށް ދެއްކެވިކަމަށް ވެސް އައިސްފައިވެއެވެ.
މިކަމުން އެނގިގެންދަނީ މީހަކު ނުވަތަ ބައަކު ދައްކާ ބިރަށް ޖެހިލުން ނުވެ ﷲ ތަޢާލާއަށް ޢީމާންވުމުގައި ސާބިތުވުމުން ދެއްވަވާނެ މަތިވެރިކަމެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ ސާބިތުކަމެއް ލިބިގަތުމަށެވެ.
- މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު