ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރި ނަމަވެސް ފަސްޖެހެވޭ ސަބަބު ނައްތައިލަން ކުރަންޖެހޭ ކަންކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރި ނަމަވެސް ފަސްޖެހެވޭ ސަބަބު ނައްތައިލަން ކުރަންޖެހޭ ކަންކަން

އީމާންތެރިކަން އިތުރުކޮށް އަޅުކަން ކުރުން ގިނަކުރަން މަސައްކަތް ކުރަން ވިސްނި ނަމަވެސް އެކަން ނުކުރެވި ފަހަތަށް ޖެހެވޭތަން އާދެއެވެ. އަދި ކުޑަކޮށް އެކަންކަން މަޑުޖައްސައިލަން ހިތަށް އަރާގޮތް މެދުވެރިވެއެވެ. މިފަދަ ހުރިހާ ކަމެއްވެސް މެދުވެރިކުރުވަނީ ހަމަ ޝައިޠޯނާއެވެ!  

ޝައިޠޯނާ އެންމެ ބޮޑަށް ކަންބޮޑުވާނެ އެއް ވަގުތަކީ މިހަކު އެމީހާގެ އަމަލުތައް އިޞްލާޙްކުރުމަށް ވިސްނައި އަމަލުކުރަން ފަށާ ވަގުތެވެ. ވީމާ ކުރިން ބުނި ފަދަ ގޮތްތައް މެދުވެރިވަނީ އެކަންކަން ކުރަން އުޅޭކަން އެނގުމުން ކުރިއަ ނުދިނުމަށް ޝައިޠޯނާ ތެޅިފޮޅިގަންނާތީއެވެ. ވަސްވާސް ދިނުން ގިނަކޮށް ހުރަސް އަޅަން މަސައްކަތްކުރާތީއެވެ! ވީމާ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހާ އެކަންކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ޝައިޠޯނާ ކުރިމަތިކުރުވާނެ ހުރަސްތަކަށް ވިސްނައި ފިސާރި ވަރުގަދައަށް ތައްޔާރުވާން ވާނެއެވެ! 

ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ފަށަންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާއިއެކުގައެވެ. ފިސާރި ސާބިތުކަމާއިއެކުގައެވެ. ސާބިތުކަން ދެއްވަވައި މަގުފަހިކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ! ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ!  

ދުނިޔޭގައި އުޅޭ އެންމެން ނަރަކައަށް ވައްދުވަން ޝައިޠޯނާ ބޭނުންވާނެއެވެ! އެކަމަށް މަސައްކަތްކުރާނެ ކަމަށް ޝައިޠޯނާ ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފައެވެ. ހިތްވަރު ލިބިގަންނަންވީ ޝައިޠޯނާގެ ބަހަށް ހެއްލެވި ފާފަ ކުރެވުނު ނަމަވެސް ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާތީއެވެ! ވީމާ ކޮންމެ ކަމެއް ކާމިޔާބުކުރުމަށް އެދިގެންވެސް އެންމެ ގިނައިން ކުރަން އޮތް ކަމަކީ ފާފަތައް ފުއްސަވައި ދެއްވެވުން ގިނަގިނައިން ދުޢާ ކުރުމެވެ. އެކަންކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން