އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އެލީނާ ވިދާޅުވީ ވަގުތުން އޮޕަރޭޝަން ކުރުން ނޫން ގޮތެއް ނެތް އުމުރުން އެންމެ ބާރަ ދުވަސްވީ ތުއްތު ކުއްޖެއްގެ ހިތުގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ޑރ. ޝާފިޢު ވަރަށް ކާމިޔާބުކަމާއިއެކު އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވާފައިވާ ކަމަށެވެ.
"މިމަހުގެ 23 ވަނަ ދުވަހު ކުއްޖާ އައިޖީއެމްއެޗަށް ގެނެވުނު އިރު ހިތުގެ ލޭފޮނުވައިދޭ މައިނާރު ވަނީ އެއްކޮށް ފިތިފަ. 8 މިލިމީޓަރު ފެންނަން ޢާންމުކޮށް ޖެހޭނެ ނަމަވެސް އަޅުގަނޑުމެން ބެލިބެލުމުން އެންމެ މިލިމީޓަރެއްވެސް ނުފެނުނު. ދެން އަޅުގަނޑުމެން އައިސީޔޫގަ އެޑްމިޓްކުރީ. އެއިރު ކުރައްވަން ހުންނެވި އޮޕަރޭޝަން ނިންމަވާފައި އެރޭ 7.30 ހައިއިރު ޑރ. ޝާފިޢުއަށް ވަޑައިގެންނެވުނީ. ބައްލަވާފަ ނިންމެވީ ވަގުތުން އޮޕަރޭޝަން ކުރން."
"މއިންބަފައިން ރުހި ޤަބޫލުވުމުން އޮޕަރޭޝަންކުރީ އޭޑީކޭ ހޮސްޕިޓަލުގަ. މިހާރު ނާރު އެވަނީ އެހެން ކުދިން ފަދައިން ހުޅުވިފަ. އިރާދަކުރެއްވިއްޔާ ހަމަ އެހެން ކުދިން ފަދައިން އެކުއްޖާއަށް ދެން ދުނިޔޭގަ އުޅެވޭނެ. ހިތާމައަކީ އެންމެ ގިނަ ކުޑަކުދިން ޚިދުމަތް ހޯދަންދާ އައިޖީއެމްއެޗްގަ މިފަދަ ޚިދުމަތެއް ދެވެން ނެތްކަން. ކުރިން މިބާވަތުގެ އޮޕަރޭޝަންތަކަށް ފޮނުވަނީ އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް. ނަމަވެސް ރާއްޖޭގައި މި އޮޕަރޭޝަން މިވަނީ އެންމެ ކާމިޔާބުކަމާއިއެކު ކުރެވިފަ. އެއިރު ކުއްޖާ އޮތީ އިތުރަށް ލަސްވި ނަމަ އަތުވެސް ނުޖެހޭނެ ޙާލަތުގަ. މިއީ ރާއްޖޭގަ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް." ކަމަށް ޑރ. އެލީނާ ވިދާޅުވިއެވެ.
ޑރ. ޝާފިޢު ވިދާޅުވީ އޮޕަރޭޝަންގައި "ޗެލެންޖަސް" ތައް ކުރިމަތިވި ކަމަށާއި ނަމަވެސް ކުރެވުނު މަސައްކަތުން އޮޕަރޭޝަން ކާމިޔާބުކުރެވިފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލަކީ އެންމެ ކުޑަކުދިންވެސް ބައިނަލްއަޤްވާމީ އެންމެ މަތީ ފެންވަރުގައި ހޭނެއްތެން ފެސިލިޓީ ހުރި ހޮސްޕިޓަލެކެވެ.
"މީގަ އޮޕަރޭޝަންގެ އިތުރުންވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހުނު. އެހުރިހާ ކަންކަން ވަރަށް ފުރިހަމައަށް ކޮށްގެން އޮޕަރޭޝަންކުރީ. ފުރަތަމަ ފިތިފަ އިން ތަންކޮޅު ނަގާފަ ލޭ ހޮޅި ގުޅުވީމަވެސް ރަނގަޅަށް ލޭ ނުހިނގި. ދެން ޖެހުނީ އެހެން ތަނަކުން އެތިކޮޅެއް ނަގައި ގުޅުވަން. އެކަން ކުރީމަ ލޭ ރަނގަޅަށް ދައުރުކުރީ. އޮޕަރޭޝަން ނިންމާ އައިސީޔޫގަ ބާއްވައިގެން ފަރުވާ ދޭއިރު ވަރަށް ގިނަ ތަފާތު މައްސަލަތައް ކުރިމަތިވާނެ. އެއީ ހަށިގަނޑުގަ ކުރިން ލޭ ނުލިބި ހުރި ގުނަވަންތަކަށް ލޭ ލިބެން ފެށީމަ ކުރިމަތިވާ މައްސަލަތައް. ވަރަށް ނުރައްކާތެރި މައްސަލަތައްވެސް ކުރިމަތިވާނެ. އެސިޑް ކަންތައް ކޮންޓްރޯލްކޮށް އެތެރެހަށީގެ ގުނަވަންތައް ރަނގަޅަށް ހިނގައިގަންނަން ކަންތައްތަކެއް ކުރިމަތިވޭ. މިހާރު އިރާދަކުރެއްވިއްޔާ ހުރިހާ ކަންކަންވެސް ރަނގަޅު. މައިމީހާގެ ގާތުން ބުއްވެސް ދެވޭ. ލޭގެ ޕްރެޝަރަށް ދޭ ބޭސް ނޫން އިތުރު އެއްވެސް ބޭހެއް ދޭކަށްވެސް ނުޖެހޭ. ބޭބީ ވަނީ ގެއަށް ދޫކޮށްލެވުމުގެ މަރުޙަލާގަ. ސަރޖަރީއަށް ކެފިތަން ރަނގަޅުވާން ފެށީމަ ގެއަށް ފޮނުވޭނެ" ޑރ. ޢަބްދުﷲ ނިޔާފް ވިދާޅުވިއެވެ.
ޑރ. ނިޔާފް ވިދާޅުވީ މިފަދަ ކޭސްތައް ކާމިޔާބުކުރެވެނީ ގިނަ ބައަކު ގުޅިގެން ކަމަށެވެ. ތަފާތު ތަންތަނުގައި މަސައްކަތްކުރި ނަމަވެސް އެންމެންވެސް ވަރަށް ގުޅިގެން މަސައްކަތްކުރުމުން ކާމިޔާބުކުރެވޭ މަސައްކަތެއް ކަމަށެވެ. ޑރ. އެލީނާ އައިޖީއެމްއެޗްގަ ހުންނަވައިގެން ވެސް ކޮށްދެއްވި ޚިދުމަތްތައް ޑރ. ނިޔާފް ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައިފައެވެ.
ކުއްޖާ ގެއަށް ފޮނުވި ނަމަވެސް ސީރިއަސް ޕޭޝަންޓެއްގެ ގޮތުގައި ދިގުމުއްދަތަށް ފަރުވާކުރަންޖެހޭނެ، ބަލަހައްޓަން ޖެހޭނެ ކަމަށްވެސް ޑރ. ނިޔާފް ވިދާޅުވިއެވެ.