ﷲ ދެއްވަވާ ނިޢްމަތްތައް ވަރަށް ގިނަ! ރިޒްޤް ތަނަވަސްވުމަށް އެދޭ މީހާ ޝުކުރުވެރިވުން ގިނަކުރާށެވެ!: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 12ސ
ﷲ ދެއްވަވާ ނިޢްމަތްތައް ވަރަށް ގިނަ! ރިޒްޤް ތަނަވަސްވުމަށް އެދޭ މީހާ ޝުކުރުވެރިވުން ގިނަކުރާށެވެ!: ޚުޠުބާ

މުސްލިމް އަޚުންނޭވެ! الله އަށް ތަޤްވާވެރިވުމުގައި އެކަލާނގެ ނިޢުމަތްތަކަށް ސިއްރާއި ފާޅުގައި ޝުކުރުވެރިވުން ހިމެނެވެ. މި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އަމަންއަމާންކަމާއި، ހަމަޖެހުމުގެ އަސާސެވެ. އެއީ الله ގެ ރުހިވޮޑިގަތުމާއި، الله ގެ ރިޒްޤު ތަނަވަސްވުމުގެ ސަބަބެކެވެ. 

އެކަލާނގެ ދެއްވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތްތައް ދެމި އޮންނާނެ ކަމުގެ ޖާމިނުވުމެކެވެ. އެކަލާނގެ ކޯފާއިން ސަލާމަތްކޮށްދެއްވާނެ ކަމެކެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. (وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ )  މާނައީ: "އަދި ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." ނިޢުމަތަށް ޝުކުރުވެރިނުވުމަކީ ނިޢުމަތް ނެތި ހިނގައިދާނެ ކަމެކެވެ. ތަނަވަސްކަން ދަތިކަމަށް ބަދަލު ކުރައްވާނެ ކަމެކެވެ. ފާގަތިކަން ތަދުމަޑުކަމަށް ބަދަލު ކުރައްވާނެ ކަމެކެވެ. އަރަހުށި މާތް الله ވަޙީކުރައްވާފައި ވެއެވެ. (وَضَرَبَ اللَّـهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّـهِ فَأَذَاقَهَا اللَّـهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ)   މާނައީ: "އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، الله މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒުޤު އާދެތެވެ. ދެން الله ގެ ނިޢުމަތް ތަކަށް އެ ރަށުގެ މީހުން ކާފިރުވޫ އެވެ. ދެން އެއުރެން ކޮށް އުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާން ލައްވައި، އެކަމުގެ ރަހަ އެއުރެންނަށް الله ދެއްކެވި އެވެ."  

މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން الله ގެ ނިޢުމަތްތަކަށް ޝުކްރުވެރިވާށެވެ! އުރެދުންތަކާ ދުރުހެލިވާށެވެ! ނިޢުމަތްތައް ބީވެގެން ދަނީ ނިޢުމަތް ދެއްވި ފަރާތް އޮޅި އެ ފަރާތަށް ޝުކުރުވެރި ނުވުމުންނެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. (وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ )  މާނައީ: "ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީ ނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލު ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ." އެހެން އާޔަތެއްގައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. (أَلَمْ تَرَ إِلَى الَّذِينَ بَدَّلُوا نِعْمَتَ اللَّـهِ كُفْرًا وَأَحَلُّوا قَوْمَهُمْ دَارَ الْبَوَارِ ﴿٢٨﴾ جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ الْقَرَارُ)   މާނައީ: "الله ގެ ނިޢުމަތް، ކާފިރުކަމަށް ބަދަލުކޮށް، އެއުރެންގެ ޤައުމު ހަލާކުގެ ގޮވައްޗަށްލީ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ (އެއީ) ނަރަކައެވެ. އެއުރެން އެތަނަށްވަދެ އަނދާނެތެވެ. އަދި އެއީ، ތިބުމަށް ހާދަހާ ނުބައި ތަނެކެވެ!"

މުސްލިމް އަޚުންނޭވެ! މާތް الله އަށް ޝުކުރު ކުރުމަކީ އިސްލާމް ދީނުގެ ޝިޢާރެކެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ)   މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި الله އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!" 

މުސްލިމް އަޚުންނޭވެ! ޙަޤީޤަތުގައި ޝުކުރަކީ الله ގެ ފަޟްލުވަންތަކަމާއި، ދީލަތިވަންތަކަން، ހިތުގެ އަޑިން ޤަބޫލުކޮށް، ދުލުން އެކަމަށް އިޢްތިރާފުވެ، ހަށިގަނޑުގެ އެންމެހައި ގުނަވަންތަކުން އެ ކަން ފާޅުކުރުމެވެ. އެއިން އެއްވެސް ގުނަވަނެއް މާތް الله ރުހިވޮޑިނުގަންނަވާ ކަމެއް ކުރުމުގައި ބޭނުން ނުކުރުމެވެ.

 

މިއަދުގެ ޚުޠުބާއިން

މިއަދު އޮންލައިން