ހުރިހާ ކާމިޔާބީއެއް ގުޅިފަވަނީ ސަޖިދަ ކުރުމާއެވެ! ސަޖިދަ ފުރިހަމަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހުރިހާ ކާމިޔާބީއެއް ގުޅިފަވަނީ ސަޖިދަ ކުރުމާއެވެ! ސަޖިދަ ފުރިހަމަކުރާށެވެ!

އަހަރެމެންނަކީ ﷲ ތަޢާލާއަށް އީމާންވެ ވަރަށް ގިނަ އަޅުކަން ކުރާ ބައަކީމުއެވެ. ނަމާދުކުރަމުއެވެ. ޛިކުރުކުރަމުއެވެ. ކީރިތި ޤުރްއާން ކިޔަވަމުއެވެ. ރޯދަހިފަމުއެވެ. ޒަކާތްދެމުއެވެ. ކުޅަދާނަކަން ލިބިގެންވާނަމަ ޙައްޖުވަމުއެވެ. 

މިހުރިހާ އަޅުކަމުގެ ފައިދާވެސް ލިބެން އޮތީ އެއީ ފުރިހަމަ ގޮތުގައި ނަމާދުކުރުމެވެ! ނަމާދު ފުރިހަމަކުރުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ ސަޖިދަކުރުމެވެ. އެހެނީ ސަޖިދައިގައި އޮންނަ ވަގުތަކީ ތިމާ ޢާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތުކަމުގައިވާތީއެވެ. 

މުޅި ނަމާދަށްވެސް ސަމާލުކަންދޭންޖެހޭނެއެވެ. ނަމާދު ނަމާދަކަށްވާނީ ވާޖިބުތައް އަދާކުރުމުންނެވެ. އަދި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުންނެވެ. އެހެންކަމާއިއެކުވެސް ސަޖިދަ ފުރިހަމަކުރަން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. އެހެނީ ސަޖިދައިގައި އޮންނަ ވަގުތަކީ ކުރިން ބުނި ފަދައިން ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތުކަމަށްވާތީއެވެ. 

އެހެންކަމާއިއެކުވެސް ބައެއް މީހުން ސަޖިދައިގައި ވަރަށް ބޮޑަށް އެބަ ފަރުވާކުޑަކުރެއެވެ. 7 ގުނަވަންމަތީގައި ސަޖިދަކުރުމުގައިވެސް އެބަ ފަރުވާކުޑަކުރެއެވެ. ހަމައެއާއިއެކު ސަޖިދައިގައި އޮންނައިރު ﷲ ތަޢާލާމަތިން ހަނދުމަކުރުމުގައި ވެސް އެބަ ފަރުވާކުޑަކުރެއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ނިތްކުރި ބިންމަތީގައި ޖެއްސި ނަމަވެސް އަދި އެއީ ސަޖދައަކަށް ނުވާނެއެވެ! ސަޖިދައިގައި ކިޔަންޖެހޭ ތަސްބީޙް ކިޔަންޖެހޭނެއެވެ. ކިޔަންޖެހޭނީ އެއިގެ މާނަ ހިތަށް ގެނައުމާއިއެކުގައެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމާއިއެކުގައެވެ. އެކަންކަން ނުކޮށް ނިތްކުރި ބިންމަތީގައި ޖައްސާލާފައި ދުނިޔަވީ ކަންކަމުގެ ޚިޔާލުގައި އޮވެލާފައި ތެދުވުމަކުން ސަޖިދަ ފުރިހަމައެއް ނުވާނެއެވެ. ސަޖިދަ ފުރިހަމަނުވެ ނަމާދު ފުރިހަމައެއް ނުވާނެއެވެ! 

ވީމާ ސަޖިދަ ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އިންސާނާގެ ކާމިޔާބީ ވަނީ ސަޖިދަ ފުރިހަމަކުރުމާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިކަން ހަނދާނުގައި ބަހައްޓައިގެން ސަޖިދަކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން