ދިރިއުޅޭގެއާއި އިންވެގެން މިސްކިތް ހުރެ، ގޭ ކުރިމަތީގައި މިސްކިތް ހުރެ، ގެއާއި 200 ވަރަކަށް ފޫޓު ކައިރީގައި މިސްކިތް ހުންނައިރުވެސް އަދި އެ މިސްކިތްތަކުގެ ތާޅަފިލިތަކުން 5 އިރު ކޮންމެ ދުވަހަކުވެސް ބަންގިގޮވަމުން ގެންދާއިރުވެސް ޖަމާއަތަށް އޮޅިގެން ވެސް ނަމާދަށް ނާރާ މީހުން ޖަމާއަތުގައި ނަމާދުކުރަންވާ ގޮތް ކިޔައިދިނުމުން ޤަބޫލުކުރަން އުނދަގޫތަކެއް ހުންނަކަން ގިނަ ބައަކު ފާހަގަކުރެއެވެ.
ރަސޫލް (ޞޢވ) ނަމާދުކުރެއްވެވީ ޖަމާޢަތުގައެވެ. 4 ޚަލީފާއިންނާއި ޞަހާބީންގެ ތެރެއިން ވެރިކަން ކުރެއްވެވި ބޭކަލުންވެސް ނަމާދުކުރެއްވެވީ ޖަމާއަތުގައެވެ. އެހެންކަމުން ޖަމާއަތުގައި ނަމާދުކުރުމަކީ އެއްވެސް މީހެއްގެ ދަރަޖަ މަތިވެރިވެގެން ނުކޮށް ދޫކޮށްލުން ހުއްދަވާނެ ކަމެއްކަމަކަށް ޤަބޫލުކުރެވެން ނެތްކަންވެސް އެފަދަ މީހުން ފާހަގަކުރެއެވެ.
ދެލޯ އަނދިރިނަމަވެސް މުސްކުޅިވެ ގައިބާރު ދެރަ ނަމަވެސް އެމީހަކަށް ހިނގައި އުޅެވޭނަމަ ބަންގީގެ އަޑު އިވޭނަމަ މިސްކިތަށް ގޮސް ޖަމާޢަތުގައި ބައިވެރިވާންޖެހޭކަން ހަދީޘްފުޅުން އޮތީ ވަރަށް ސާފުކޮށް އެނގެންކަން ވެސް އެފަދަ މީހުން ފާހަގަކުރެއެވެ.
އެފަދަ މީހުން ދެން ފާހަގަކުރަނީ ޞަޙީޙް މުސްލިމް އާއި ޞަޙީހް ބުޚާރީގައި ބަޔާންވެގެންވާ އަންނަނިވި ޙަދީޘްފުޅެވެ.
"ޒައިދު ބުން ޙާރިޘާ ރަޟިޔަﷲ ޢަންހުގެ ދަރިކަލުން އުސާމާ ރަޟިޔަﷲ ޢަންގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ މިފަދައިން ޙަދީޘްކުރައްވާތީ ތިމަން އަޑުއެއްސެވީމެވެ.
{ޤިޔާމަތް ދުވަހުން މީހަކު ގެނެސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެން އޭނާގެ ގޮހޮރު އޭނާގެ ބަނޑުން ނުކުންނާނެއެވެ. ދެން އޭނާ އެ ގޮހޮރު ހިފައިގެން ފުށްމުގުރާ އުޑީގެ ވަށައިގެން ޙިމާރު އެނބުރޭ ފަދައިން އެނބުރެމުން ދާނެއެވެ. އެހިނދު އޭނާގެ ކައިރިއަށް ނަރަކައިގެ އަހުލުވެރިން އެއްވާނެއެވެ. އަދި ބުނާނެއެވެ.
"އޭ މިވެނި މީހާއެވެ! ކަލެއަށް ތިޔަވަނީ ކިހިނެއް ހެއްޔެވެ؟ ކަލެއަކީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކޮށް އުޅުނު މީހެއް ނޫން ހެއްޔެވެ؟"
އެހިނދު އޭނާ ބުނާނެއެވެ.
"އާނއެކެވެ! އަދި ކީއްހެއްޔެވެ! އަހަރެން ހެޔޮކަންކަމަށް އަމުރުކޮށް އުޅުނީމެވެ. އެކަމަކު އަހަރެން އެކަންކަމެއް ނުކުރަމެވެ. އަދި ނުބައިކަންކަން މަނާކުރީމެވެ. އެކަމަކު އަހަރެން އެކަންކަން ކުރީމެވެ."
(މިއީ ބުޚާރީއާއި މުސްލިމް އިއްތިފާޤުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. ޙަދީޘް މާނަކުރެއްވީ ޢަބްދުﷲ ޙާމިދު، ޢިލްމް.އެމްވީގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.)
މި ހަދީޘްފުޅާއިއެކު ޢަބްދުﷲ ޙާމިދު ބަޔާން ކުރައްވާފައިވަނީ ބަޤަރާ ސޫރަތުގެ 44 ވަނަ އާޔަތެވެ!
"ތިއަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލް ގައި ތިއަބައިމީހުންގެ އަމިއްލަ ނަފްސް ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރު ކުރަނީ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟"
މިފަދަ ޢިލްމުވެރިންނާއި އިތުރަށް ސުވާލުކޮށްލަންވީ "އަދި ހެޔޮކަންކަން ކުރަންވީ ގޮތް ކިޔައިދެނީ ހެއްޔެވެ؟" ނޫންތޯއެވެ!