ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދުގެ ފުރަބަންދަށް މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މަރުހަލާތަކަކަށް ބަހާލައިގެން ލުއިތަކެއް ދީފައިވާއިރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި އެހެން ބައްދަލުވުންތައް ނުބޭއްވުމަށް އެޗްޕީއޭ އިން އެދިއްޖެއެވެ.
މިކަމާގުޅިގެން ކަންބޮޑުވުންފާޅުކޮށް އެޗްޕީއޭ އިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އެ މީހުން ކޮންޓެކްޓްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ ހަފްލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އެއްވުންތައް ބާއްވަމުންދާތީ ކަމަށެވެ. އަދި 30 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް އެއްނުވުމަށާ ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް ކަންކަމާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަން ވެސް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޯވިޑް-19އަށް 31 މީހުން މިއަދުގެ ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ 22 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހުންނާއި އިންޑިއާ މީހެކެވެ.
މިވަގުތު 444 މީހަކަށް ފަރުވާދެމުންދާއިރު މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 2290 އެވެ. އަދި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 2762 އެވެ. 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.