އެންމެ ކުއްޖެއް ރިހެބިލިޓޭޓުކޮށް، ކުށް ކުރުމުން ދުރުކުރަމަކީ، ޖީލުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައިވަނީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާ (ޓެކްނިކަލް އެސިސްޓަންސް ނީޑްސް އެސެސްމެންޓް އިން ދި އޭރިއާ އޮފް ޖުވެނައިލް ޖަސްޓިސް ފޯ ޗިލްޑްރަން)ގެ ހޯދުންތައް ހުށަހެޅުމަށް ބޭއްވި ވަރޗުއަލް ބައްދަލުވުމަށް ފޮނުއްވި ސްޓޭޓްމަންޓްގައެވެ.
މިނިސްޓަރގެ ފަރާތުން ސްޓޭޓްމަންޓް ހުށަހެޅުއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރެވެ.
ސްޓޭޓްމަންޓްގައި މިނިސްޓަރ ވަނީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރި ދިރާސާގެ އަލީގައި ނިޒާމުގެ ތެރެއިން ހުރި ހުސްކަންކަމާއި، ގޮންޖެހުންތަކާއި، ބޭނުންތައް އަދި ފުރުޞަތުތައް ދެނެގަނެވޭނެކަން ފާހަގަކުރައްވާފައެވެ، އަދި ކުޑަކުދިންގެ ޢަދުލު ޤާއިމުކުރުމުގެ މަސްލަޙަތު ހިއްސާކުރާ މުވައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ވަކި ވަކި މުވައްސަސާތަކެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، އެއް ނިޒާމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ހުރި މަޤްޞަދުތައް ޙާޞިލުކުރުމަށް މި މަސައްކަތުން ފަހިކޮށްދޭނޭކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.
އެ ގޮތުން، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާ މުވައްސަސާތަކާއި ޖުޑީޝަރީން ގުޅިގެން މަސައްކަތްކުރަންވާނީ، ޖިނާޢީ ޢަދުލުގެ ނިޒާމުން ކުޑަކުދިން ބޭރުކުރުމަށްކަމަށް މިނިސްޓަރގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.
މިކަން ކާމިޔާބުކުރުމަށް މުޖުތަމަޢު ކުށްކުރާ ކުދިންނާމެދު ދެކޭ ގޮތް ބަދަލުކޮށް، މައްސަލައަކީ އެ ކުދިން ނޫންކަން ބަލައިގަންނަންޖެހޭކަންވެސް ފާހަގަކުރައްވާފައިވެއެވެ.
އަދި މައްސަލައެއް ފެންމަތިވުމުން ޙައްލެއް ހޯދަން އުޅުމުގެ ބަދަލުގައި މައްސަލައެއް މެދުވެރިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. މި މަސައްކަތްތައް ކުރުމުގައި މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކުޑަކުދިން ހިމެނޭނޭހެން ދިރާސާތައްކޮށްގެން އެ އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ސިޔާސަތުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަރައްޤީކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.
މިމުހިއްމު މަސައްކަތް ކުރަމުންދާއިރު ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވުމާއި، އާއިލާ ތެރެއިން އެފަދަ މައްސަލަތައް ފެންމަތިވުމަކީ ބޮޑު މައްސަލައެއްކަންވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. މިކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.
އެގޮތުން މަދަނީ ހުރިހާ ޖަމްއިއްޔާތައްވެސް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ ޔޫއެންއޯޑީސީއާއި، ޔުނިސެފް ފަދަ ޖަމާއަތްތަކުން މެދުކެނޑުމެއްނެތި ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި. ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ދާއިރާގައި މަސައްކަތްކުރައްވާ ސާޅީހަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެއެވެ.