އެސްޓީއޯގެ އަހަރީ ރިޕޯޓް އަދި އަހަރީ އާންމު ޖަލްސާގެ ނޯޓިސް މިމަހު 15 ވަނަދުވަހު ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކޮށްފިއެވެ.
ޖަލްސާގައި ބައިވެރިވުން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 04:00 ގައި، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ. އެގޮތުން، މި ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 29 އޮގަސްޓް 2020 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ agm.sto.mv ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. ޖަލްސާގެ އެޖެންޑާ އަދި ޖަލްސާއާއި ގުޅުންހުރި އެހެނިހެން މަޢުލޫމާތު، މި ވެބްޕޭޖުން ފެންނަން ހުންނާނެއެވެ.
އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހަޅާ އައިޓަމްތައް 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް ވަނީ އެޖެންޑާކުރެވިފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވައެވެ. އަދި 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް ޢައްޔަންކުރުމަށްވެސް ޑިރެކްޓަރުންގެ ބޯޑުން
ކުރިޔަށް އޮތް ދައުރު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާންމު ޖަލްސާގައި، ބަދަލެއް ނުގެންނަވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ކުންފުންޏަށް އަންގަވާފައެވެ. ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި 2 ފަރާތާއި އިންޓަވިއުކޮށް، އިވެލުއޭޓްކުރުމަށްފަހު އަލްފާޟިލާ އާމިނަތު ރުޝްމާ، ހ.މޮސްކޯގެ އިންތިޙާބްކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ. މި ފަރާތްތަކުގެ ވަނަވަރު agm.sto.mv ވެބް ޕޭޖުން ފެންނަން ހުންނާނެއެވެ.
ވޯޓު ދިނުން މި އަހަރުވެސް ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށެވެ. މި ސިސްޓަމް ވަނީ ކޭޕީއެމްޖީއިން ވެލިޑޭޓް ކުރައްވާފައެވެ.
ޚިޔާލާއި ސުވާލު ހުށަހެޅުން މި އަހަރުގެ ޖަލްސާ ބާއްވަންޖެހޭ ހާލަތަށް ރިޢާޔަތްކޮށް، ކުންފުނީގެ ކަންކަމާމެދު ހިއްސާދާރުން ދޭން ބޭނުންވާ ޚިޔާލުތަކާއި ޑިރެކްޓަރުންގެ ބޯޑާއި ކުރައްވަން ބޭނުންވާ ސުވާލުތައް، ޖަލްސާގެ ކުރިން، ކުންފުންޏަށް ހުށަހަޅަންވާނެއެވެ. އެގޮތުން ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާއަށް ރަޖިސްޓަރީ ކުރެއްވުމުން، "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ސުވާލު ހުށަހެޅޭނެއެވެ. އަދި އެކި ސަބަބުތަކާއެކު ޖަލްސާގައި ބައިވެރިނުވާ، އެހެންނަމަވެސް ކުންފުނީގެ ކަމަކާމެދު ޚިޔާލެއް ނުވަތަ ސުވާލެއް ހުށަހަޅަން ބޭނުންވާ ހިއްސާދާރުން، [email protected] އީމެއިލް އެޑްރެސްއަށް ސުވާލުތައް ހުށަހެޅިދާނެއެވެ. މިހެން ހުށަހަޅުއްވާނަމަ ހިއްސާދާރުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހިމަނަންވާނެއެވެ. ސުވާލު ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮގަސްޓް 2020 ވަނަ ދުވަހުގެ ހަވީރު 04:00 އެވެ. މި ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަލްސާގައި ޖަވާބުދެއްވާނެއެވެ.
ފާއިތުވި އަހަރުގެ ހިސާބުތައް ނިމިދިޔަ 2019 ވަނަ އަހަރަކީ އެސް.ޓީ.އޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރެވެ. މިގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައެވެ. އަދި ހަމަ މިއާއެކު ކުންފުނީގެ ސާފު ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން އިތުރުވެފައިވެއެވެ. 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާއެވެ. މުޅި އެސް.ޓީ.އޯ ގްރޫޕްގެ ފައިދާވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައެވެ. ނިމިދިޔަ 2019 ވަނަ އަހަރު އެސް.ޓީ.އޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އިތުރު މަޢުލޫމާތު agm.sto.mv ، އޭ.ޖީ.އެމްގެ ނޯޓިސް އިން ލިބިވަޑައިގަންނަވާނެއެވެ.
--އެސްޓީއޯ