ޔޫރަޕިއަން ސްޓޭންޑަޑަށް ފެތޭ ވެންޓިލޭޓަރު އަގުހެޔޮކޮށް ސަޕްލައިކޮށްދެވިދާނެކަމަށް ގުޅޭގޮތުން އެކުލަވާލި ޓާސްކު ފޯހަށް އެންގިކަމަށް އޭޑީކޭ ޖެނަރަލް ޓްރޭޑިން އިން ބުނެފިއެވެ.
އޭޑީކޭ އިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ބުނެފައިވަނީ ވެންޓިލޭޓަރު ރާއްޖެއަށް ގެނައުމާއި ގުޅޭގޮތުން ރައިސް އެކުލަވާލައްވާފައިވާ އެގްޒެކެޓިވް ސްޓިއަރިންގ ކޮމިޓީގައި ހުންނަވާ ބޭފުޅަކު ނުރަސްމީ ގޮތެއްގައި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ އަގު އޮޅުން ފިލުވާފައިވާ ކަމަށާއި ޔޫރަޕިއަން ސްޓޭންޑަޑަށް ފެތޭ އަދި ކޯވިޑް-19ގެ ޙާލަތަށް އެކަށީގެންވާ ސީއީ.ސެޓިފިކޭޝަންގެ ދެބްރޭންޑެއްގެ ވެންޓިލޭޓަރު 5700 އެމެރިކާ ޑޮލަރާއި 6200 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއްގައި 4 ހަފްތާތެރޭގައި ސަޕްލައިކޮށްދެވިދާނެކަމަށް އެންގި ކަމަށެވެ.
އޭޑީކޭ އިން ބުނެފައިވަނީ މިމައުލޫމާތު ދިނުމަށްފަހުވެސް މިކަމާ ގުޅިގެން ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް އިތުރު އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކޮށްފައެއް ނުވާކަމަށެވެ.
މީގެއިތުރުން އޭޑީކޭ އިން ބުނެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލާއި ސަރުކާރުގެ ހޮސްޕިޓަލްތަކަށް ވެސް ގިނަ އަދަދެއްގެ ޑްރެގާ ވެންޓިލޭޓަރާއި އެނެސްތީޝިއާ މެޝިން މީގެ ކުރިން ވެސް ސަޕްލައިކޮށްދީފައިވާނެ ކަމަށާއި ކޮވިޑް-19 ގެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ޕީސީއާރު މެޝިނާއި ޕީޕީއީ ވެސް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަކަމަށެވެ.
އޭޑީކޭ އިން މިހެން ބުނެފައިވާއިރު ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓުގައި ވަނީ އެމިނިސްޓްްރީން ވެންޓިލޭޓަރު ގަތުމުގައި މަކަރާއި ހީލަތް ހަދައި މާލިއްޔަތު ގާނޫނާ ޚިލާފަށް ހިންގި ކަންތައްތަކެއް ފަޅާއަރުވާލައިފައެވެ.