ކުރީގެ ރައީސް ޔާމީން ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކަށް 4 ކެޓަގަރީއަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ހާމަކޮށްފިއެވެ.
މި ލިސްޓް މިހާރުވަނީ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެެ. ގެޒެޓުގައި މިއަދު ޝާއިޢުކޮށްފައިވަނީ ވަނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މިހާތަނަށް ދިރާސާކޮށް ނިމިފައިވާ ހަތަރު ކެޓެގަރީ ކަމުގައިވާ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ)، H5 (ޓީޗަރުންނަށް ޚާއްޞަ)، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ)، އަދި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓެގަރީގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާކުސް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓުތަކެވެ.
މި ލިސްޓްތަކަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ޝަކުވާ ހުށަހެޅުއްވާނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ.
މިއަދު އިޢުލާނުކުރެއްވި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުން 50 ޕަސެންޓަށްވުރެ ދަށުން ޕޮއިންޓު ލިބުނު ޖުމްލަ 111 މީހަކު ވަނީ ޑިސްކޮލިފައި ކޮށްފައެވެ.