އެމްޓީސީސީ އިން ވިއްކަމުންއަންނަ ޔަންމާ އަދި ސުޒުކީ އިންޖީނާއި ރެސިންގެ އަގު އެކުންފުނިން ހެޔޮކޮށްފިއެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގައި މެރިން އިންޖީން އަދި އިންޖީނާ ގުޅުން ހުރި ސާމާނުން ނަގާ ޑިއުޓީ މައާފު ކުރުމާއި ގުޅިގެން އެމްޓީސީސީން އިންޖީނު ވިއްކާ އަގުތަކަށް ގެނައި ބަދަލުގައި މިހާރު ސުޒުކީ އިންޖީނުތައް 50،000 ރުފިޔާއާ ހަމައަށް އަދި ޔަންމާ އިންޖީނު 700،000 ރުފިޔާއާ ހަމައަށް އަގުހެޔޮވެގެންދެއެވެ. އަދި މީގެއިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ "ސްކޮޓް ބާޑާ" ރެސިންގެ އަގުތައް ވެސް ވަނީ ހެޔޮކޮށްފައެވެ.
ރެސިންގެ އަގުތަކަށް ގެނެވިފައިވާ ބަދަލުގެ ތަފްސީލްތައް އެމްޓީސީސީ ކަށަވަރު ޝޯވރޫމުން ލިބިވަޑައި ގަންނަވާނެއެވެ.
އެމްޓީސީސީ އިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓަށް ނަގާއިރު ދައްކާ ޑައުން ޕޭމަންޓް ވެސް ވަނީ ކުޑަ ކޮށްފަ އެވެ. އެ ގޮތުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށް ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލައި ދޭނެ އެވެ. އަދި ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށް ފައިސާ ދެއްކުން 36 މަހާއި ހަމައަށް ބަހާލައި ދޭނެ އެވެ.
ކުރިއަށް އޮތް ތަނުގައި އިންޖީން ސްޕެއާ ޕާޓްސް ވިއްކާ އަގުތަކުން ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.