އެމްޓީސީސީގެ ޑްރެޖަރ މަހާ ޖައްރާފުގައި މަސައްކަތްކުރާ ހުރިހާ ފަޅުވެރިންނަކީ މިހާރު ސަތޭކައިންސައްތަ ދިވެހިންނަށް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ބިދޭސީ ފަޅުވެރިންނާއިއެކު މަސައްކަތް ފެށި މަހާ ޖައްރާފުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ 17 ދިވެހިން ކަމަށާއި މީގެ ތެރޭގައި ބޯޓުގެ ކެޕްޓަން، 2 ޗީފް އޮފިސަރުން، ޗީފް އިންޖިނިއަރު، ސެކަންޓް އިންޖިނިއަރ، 4 ޕައިޕް އޮޕަރޭޓަރ، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރ، އަދި ކްރޫއިންނާއި ކައްކާ ހިމެނޭކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މަހާ ޖައްރާފުގެ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމުގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން އެމްޓީސީސީ ވާނީ ބޯޓުގައި ތިބި ބިދޭސީ ފަޅުވެރިންގެ އިލްމާއި ތަޖުރިބާގެ އެންމެ ފުރިހަމަ ބޭނުން ހިފާ އެބޭފުޅުންގެ ގާތުން ދިވެހި ފަޅުވެރިންނަށް ބޭނުންވާ ތަމްރީން ދީފައެވެ.
އަދި މަހާ ޖައްރާފްގައި މިވަގުތު މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަކީ މަސައްކަތައް ޤާބިލް މުވައްޒަފުންކަމުގެ ޔަޤީންކަން އެމްޓީސީސީން އަރުވަމެވެ.
އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެ ހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރާނެއެވެ.
2017 ވަނަ އަހަރު އެމްޓީސީސީއިން ރާއްޖެ ގެނައި މަހާ ޖައްރާފަކީ މި ސަރަހައްދުގައިވެސް އޮތް އެންމެ ބޮޑު އެއް ޑްރެޖަރެވެ.
ދިގުމިނުގައި 95.92 މީޓަރު އަދި ފުޅާ މިނުގައި 25.16 މީޓަރު ހުންނަ އައި. އެޗް.ސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕަރ ސަކްޝަން ޑްރެޖަރ މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދެކެވެ. މިއުޅަނދަށް އެއްފަހަރާ 700,3 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެއެވެ . މަހާ ޖައްރާފު ޑިޒައިން ކުރެވިފައިވަނީ ދުވެލި ބާރު އަދި ތެލުގެ ޙަރަދު ކުޑަވާނެ ފަދަ ޓެކްނޮލޮޖީއާއި އެކުގައެވެ. މިއީ ތިމާވެއްޓަށް ގެއްލުން ނުވާ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދެއްވެސް މެއެވެ.