ގެއްލިގެން މިދިޔަ އާދީއްތަ ދުވަހުގެރޭ އިއުލާންކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެންވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި ހަމަ އެދުވަހުގެ ރޭ 22:45 ހާއިރު ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އިއްޔެ ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް ގޮސްފައިވާކަމަށެވެ.
ޝިރުމީނާ ރަހީނުކޮށް ބަޔަކު ވެގެން އޭނާ އާއި މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.