މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ "ފަހިވޯޓު" މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.
މި ޖަލްސާ އަށް ބައިވެރިވެ ވަޑައިގެންނެވީ 14 ޙިއްސާ ދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 269 ޙިއްސާދާރުން ތަމް ޞީލް ކުރެވުނެވެ. ޖަލްސާގައި މުޅިއެކު ތަމްޞީލްވީ 283 ޙިއްސާދާރުން، އެއީ 217,577,5 ޙިއްސާއެވެ. ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްސާ ގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ.
މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވުނު 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބު ކުރެވިފައެވެ. އަދި ހުސްވެފައިވާ 01 ގޮނޑިއަށް އިތުރު ޑިރެކްޓަރަކު އިންތިޚާބުކުރެވޭނީ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި، ޙިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
މިގޮތުން މިއަދު ބޭއްވުނު ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި، ޢާންމު ޙިއްސާދާރުންގެ ފަރާތުން ޑިރެކްޓަރ ކަމުގެ މަޤާމަށް އަލްފާޟިލް މުޙައްމަދު އިމްރާން އަދުނާން، މ. މެއިންޒް ވަނީ އިންތިޚާބު ވެވަޑައިގެންފައެވެ.