އަތޮޅުތަކުން މާލެއަށް ޚިދުމަތްތައް ހޯދަން އަންނަ މީހުންނަށްވެސް މާލޭ ސަރަަހައްދުގެ ގެސްޓުތަކުގައި ތިބެވޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވަނީ މާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކާއި ޓުއަރިސްޓު ހޮޓާތައް އަލުން އޮޕަރޭޓްކުރުމުގެ ހުއްދަ މާދަމާއިންފެށިގެން ދޭއިރު މިކަމަށް ޢަމަލުކުރަންޖެހޭ ގައިޑްލައިން އާއި ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ގައިޑްލައިންގައިވާގޮތުން މާލެއައިސް ދިރިއުޅޭ ގޭގައި ކަރަންޓީނުކުރެވެން ނެތް ހާލަތުގައިވެސް ގެސްޓު ހައުސްތަކުގައި ތިބެވޭއިރު މާލެއަށް އެކި ހިދުމަތްތައް ހޯދަން އަންނަ އަތޮޅުތަކުގެ މީހުންނަށްވެސް މާލޭ ސަރަަހައްދުގެ ގެސްޓުތަކުގައި ތިބެވޭނެއެވެ.
ގެސްޓްހައުސްތަކާއި ޓުއަރިސްޓު ހޮޓާތައް އަލުން ހުޅުވާއިރު އެތަންތަނުގައި ބައެއް ޚާއްސަ ފިޔަވަޅުތައް އެޅުން މިގައިޑްލައިންގައި ލާޒިމްކުރެއެވެ. ހުއްދަ ދިނުމުގެ ކުރިން ކޯވިޑް-19ގެ ސޭފްޓީ ޕްލޭނެއް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ވެސް ޖެހެއެވެ.
ޓޫރިޒަމް މިނިސްޓް ހުޅުވުމުގެ ހުއްދަދޭއިރު އެކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް މި ގައިޑްލައިން ވަނީ ލާޒިމުކޮށްފައެވެ.