އެމްޓީސީސީ އިން ތަރައްޤީކުރާ މިލަދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ސައިޓަށް ގެންގޮސް, މަސައްކަތް ބާރަށް ކުރިއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެމްޓީސީސީ އިން ތަރައްޤީކުރާ މިލަދޫ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ސައިޓަށް ގެންގޮސް, މަސައްކަތް ބާރަށް ކުރިއަށް!

ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސް މަސައްކަތް ބާރަށް ކުރިއަށްދާކަމަށް މި މަޝްރޫޢު ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނެފިއެވެ

އެމްޓީސީސީ އިން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

އަދި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 42.1  މިލިއަން ރުފިޔާގެ މަޝްރޫޢެއްކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 25 މާރޗް 2020 ގައެވެ.

މީގެއިތުރުން ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރިއަށް ދާއިރު މި މަޝްރޫޢުގެ ދަށުން 53،522.50 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި،  355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުމާއި އަދި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިއަދު އޮންލައިން