ދެމަފިރިންގެ މެދުގަ މަޝްވަރާކޮށްގެން ޚަރަދުކުރުމަކީ ލިބޭ މަދު ލާރިކޮޅުގަ ބަރަކާތް އިތުރުވެ ޚަރަދުކުރުން އަޅުކަމަކަށްވާނެ މަގު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދެމަފިރިންގެ މެދުގަ މަޝްވަރާކޮށްގެން ޚަރަދުކުރުމަކީ ލިބޭ މަދު ލާރިކޮޅުގަ ބަރަކާތް އިތުރުވެ ޚަރަދުކުރުން އަޅުކަމަކަށްވާނެ މަގު: މުފްތީ މެންކް

އާމްދަނީ ލިބުން މަދުވެ ދަތިޙާލުގައި އުޅެން ޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި ލިބޭ ފައިސާކޮޅުގެ ބޭނުން ހިފަންވާނީ އެކަމުން އެންމެ ބޮޑު މަންފާއެއް ލިބޭނެ ގޮތަށެވެ. އެގޮތުން ބަލާއިރު ކިތަންމެ މަދު ފައިސާކޮޅެއް ލިބުނު ނަމަވެސް އެއިގައި ﷲ ތަޢާލާގެ ރަޙްމަތްފުޅުން ބަރަކާތް ލައްވަވައިފިނަމަ ފުދި އިތުރުވާނެކަމަށް ކުރީގެ ދަރުސެއްގައި ވެސް ވާނީ ބުނެފައެވެ. 

މިރޭ މި ފާހަގަކޮށްލަނީ ވަރަށް މުހިންމު ކަމެކެވެ. އެއީ ލިބުނު މަދުފައިސާކޮޅު ޚަރަދުކުރާނެ ގޮތް ރާވައިލުމެވެ. މިސާލަކަށް މިމަހު ލިބުނީ އެންމެ 100 ޑޮލަރުކަމަށްވެއްޖެނަމަ ފުރަތަމަ ކަމަކަށް ދެމަފިރިން އެކުގައި ހަމަޖެހިލައިގެން ތިބެ، އެ ފައިސާ ޚަރަދުކުރާނެ ކަންކަން ރާވައިލާށެވެ. އިސްކަންދޭންޖެހޭ ތަރުތީބުންނެވެ. 

ލިބޭ ކުޑަ އާމްދަނީކޮޅު ޚަރަދުކުރާނެ ގޮތް ރާވައިގެން ޚަރަދުކުރުމަކީ ވެސް އަޅުކަމެކެވެ. ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އަދި އެމަދުފައިސާކޮޅުގައި ބަރަކާތް ލައްވަވާވެސް ކަމެކެވެ. "ދެމަފިރިން އެކުގައި އިށީނދެލާފައި..މިފައިސާކޮޅުން އެންމެ ގިނަ ބޭނުން ފުއްދޭނީ ކިހިނެއް؟ އެންމެ ފުރަތަމަ އިސްަން ޑޭންޖެހޭނީ ކޮންކަންކަމަކަށް؟" ކަމަށް ހިތަށް އަރުވައިލުމަކީވެސް އަޅުކަމެކެވެ. 

ނަމަވެސް މިއަދު މިވާގޮތަކީ ގޭގައި ކާނެ ޕާނެއް ނެތްއިރުވެސް ގަރާޖުގައި އަގިބޮޑުކާރެއް އެބައޮތްކަން ދައްކަން ބޭނުންވެއެވެ. ފެންބިލު ނުދެއްކޭއިރުވެސް އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނު ބޭނުންވެއެވެ. ދަރިންގެ ބުއްދަޅު ހުސްވެފައިހުރިނަމަވެސް ބަރާބަރަށް ފޯން ރީޗާޖްކުރަންޖެހެއެވެ. 

މީސްތަކުންނޭވެ! އެއްވެސް ދުވަސްވަރެއްގައި އެންމެ ސެންޓެއް އިސްރާފުކުރުމަކީވެސް ހަމަ ޙަރާމްކަމެކެވެ. މިއަދު ފައިސާ ލިބުން މަދުވެ އިންތިހާއަށް ބޭނުންބޮޑުވެފައި އޮތުމުން ލިބޭ ފައިސާކޮޅު އިސްރާފްކުރާނަމަ އެކަމަށް ދެއްވަވާނެ ޢަޛާބުވެސް ބޮޑުވެގެންދާނެކަމަށް ވިސްނާށެވެ! ފައިސާ ދެއްވަވަނީ ﷲ ތަޢާލާއެވެ. ދެއްވެވި މަޤްޞަދާއި ޚިލާފަށް ބޭނުންކުރާނަމަ އެކަމާއި ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ. 

ވީމާ ކިތަންމެ މަދު ފައިސާކޮޅެއް އަތަށްއެރިނަމަވެސް ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ނޫނީ ޚަރަދުތައް ނުކުރާށެވެ. އެއިރުން މަޝްވަރާކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އަދި ދެއްވެވި މަދު ފައިސާކޮޅުގައި ބަރަކާތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން