ކޯލިވިންގ ހައުސިންގ ޕްރޮޖެކްޓްގެ މަގުސަދަކީ ކިޔަވާ ކުދިންނަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން: އެޗް.ޑީ.ސީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 37ސ
ކޯލިވިންގ ހައުސިންގ ޕްރޮޖެކްޓްގެ މަގުސަދަކީ ކިޔަވާ ކުދިންނަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން: އެޗް.ޑީ.ސީ

ހުޅުމާލޭގައި އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާ "ކޯލިވިންގ ހައުސިންގ" ޕްރޮޖެކްޓްގެ މަގުސަދަކީ ކިޔަވާ ކުދިންނަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.

އެޗް.ޑީ.ސީ އިން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއަރ" ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައިވާއިރު މި ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކޮށްފައިވާ "ކޯ ލިވިންގ" ކޮންސެޕްޓަށް އެޗް.ޑީ.ސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ، ބާބަކިއު އޭރިއާ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމނޭނެއެވެ. މީގެއިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ ބައިވަރު ހިދުމަތްތަކެއް މި ބިލްޑިންގއިން ލިބިގެންދާނެއެވެ.

އެޗެ.ޑީ.ސީ އިން ކުރިއަށް ގެންދެވުނު ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކައެވެ. މި ދެންނެވުނު ފަރާތްތަކުގެ ތެރެއިން 56% އަށް ވުރެއް ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި 1 އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކުރެވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިހާރު މައްޝޫރުކަން ހޯދަމުން އަންނަ މި ކޮންސެޕްޓަކީ ޑިވެލޮޕަރުންނަށް ވަރަށް ރަނގަޅު ފުރުޞަތަކަށް ވެގެންދާނެއެވެ. ޑިވެލޮޕަރުންނަށް މި ޕްރޮޖެކްޓްގެ ދަށުން 2  ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި  ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ހަދައި ކުއްޔަށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައިވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި މިހާރުވެސް އާބާދުވެ ތަރައްޤީ ވަމުންއަންނަ ސަރަޙައްދެއްގައި ހުންނަ ލޮޓް  N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި 14 ބުރި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓް ތަރައްޤީކުރުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 17 ޖަނަވަރީ 2021 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ޕްރޮޖެކްޓް ގެ އާރް.އެފް.ޕީ އަދި އެހެނިހެން މަޢޫލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުންނާއި ހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެޗް.ޑީ.ސީ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން