އެމްޓީސީސީ އިން ކުރިއަށްގެންދާ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %72 މިހާރުވަނީ ނިންމައި މި މަޝްރޫޢުގެ ދަށުން، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތާއި ތާރު އެޅުމުގެ މަސައްކަތް 24 ޑިސެމްބަރ 2020 ވަނަ ދުވަހު ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން، 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 10،205 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މީގެއިތުރުން ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 11 ޕަސެންޓް ނިންމައި މި މަޝްރޫޢުގެ ދަށުން، ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް 28 ޑިސެމްބަރ 2020 ގައި ވަނީ ޕްރޮޖެކްޓް ސައިޓަށް ވަނީ އަންލޯޑު ކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރުގެ މިހާރު ހަދާފައިވާ ބަނދަރު ފުންކުރުމާއި، 500 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 26 ޖުލައި 2020 ގައެވެ.