ޙުޅުމާލޭ މަގުތަކުގައި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކުރަންފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޙުޅުމާލޭ މަގުތަކުގައި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކުރަންފަށައިފި

ޙުޅުމާލޭ މަގުތަކުގައި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކޮށް ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭހެން އައު މަގު ބައްތި ހަރުކުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީ އިން ބުނެފައިވަނީ މި ޕްރޮޖެކްޓްގެ ދަށުން ފާހަގަ ކުރެވިފައިވާ 14 ޒޯންއެއްގައި 1,330ލައިޓު ހަރުކުރެވޭނެ ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ މި ކޯޕަރޭޝަން އާއި ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކް ކޯ ލިމިޓެޑް އާ ގުޅިގެން ކަމަށެވެ.

އައު މަގުބައްތި ހަރުކޮށް މަގުބައްތި އިތިރު ކުރުމުގެ ޕްލޭން ފަރުމާ ކުރެވިފައިވަނީ ވަކި މިންތަކަކަށް ބަލައިގެން ކަމަށާއި މި ސަރަހައްދުތަކުގައި ލައިޓް ޕޯސްޓް ޖެހުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިވަގުތު ހުރި ގަސްތަކާއި ދިމާވާތީ، އެގަސްތަށް ނެގުމަށް ފަހު އެހެން ސަރަހައްދަކަަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

އަދި މިގޮތުން ނެގޭ ގަސްތައް ނެގުމުގައި އަމަލު ކުރާނީ އީ.ޕީ.އޭގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންން ކަމަށާއި ގަސްތަކަށް ވީހާވެސް ގެއްލުން ނުދީ މަގުތަށް އަނދިރި ނުވާނެހެން މަގު ބައްތި ބަދަލު ކުރުމުގެ މަސައްކަތް  ކުރެވޭނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގަސް ނަގަން ޖެހިއްޖެ ހާލަތެއްގައި ނެގޭ ގަސްތަށް ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދުގައި އަދި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އަލުން އިންދުމަށް ވަނީ ނިންމާފައެވެ.

1 ޖޫން 2021 ވަނަ ދުވަހު ނިންމުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ޒޯން1,2,3  އެއްގައި ދަނީ ކުރަމުންނެވެ.  

މިއަދު އޮންލައިން