ރަށްތަކާ ރިޒޯޓުތަކުގަ ކޮވިޑް ފެތުރޭއިރު "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށްބުނާ މީހުން އެރަށްތަކަށް ގޮސް ކޮވިޑް ނުހުއްޓުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރަށްތަކާ ރިޒޯޓުތަކުގަ ކޮވިޑް ފެތުރޭއިރު "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށްބުނާ މީހުން އެރަށްތަކަށް ގޮސް ކޮވިޑް ނުހުއްޓުވަނީ ކީއްވެ؟

ކޮވިޑް ޖެހޭ މީހުންގެ އަދަދު އެންމެ ބާރަށް ބަލި ފެތުރުނު ދުވަސްތަކަށްވުރެ މަދުވެލާފައި އޮތްނަމަވެސް އަދިވެސް ހުއްޓުމަކަށް ނާދެއެވެ. ބަލިޖެހޭ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި މިއުޅެނީ 50 ގެ އަދަދުތަކުގައެވެ.

ރަށެއް އެކަހެރިކުރަން ޖެހުމުން ހާލުގައި ޖެހިގެން އެހެން ރަށްތަކުން ދަނީ އެހީތެރިވަމުންނެވެ. ބައެއް ރިޒޯޓުތަކުގައިވެސް ބަލި ފެތުރެނީއެވެ. ފަތުރުވެރިކަމަށް އެކަމުގެ އަސަރުކުރާނެ މިންވަރަކާއިމެދު އިންތިހާއަށް ކަންބޮޑުވުން އުފެދެނީއެވެ. 

ޙާލަތު މިހިސާބަށް ދިއައިރު ވެސް "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށް ބުނެ ގޮށްމުށްކެވި މީހުން މިއިން އެއްވެސް ރަށަކަށް ގޮސް ބަލި ހުއްޓުވަން އެއްވެސް މަސައްކަތެއްކުރާކަމުގެ އެއްވެސް ޚަބަރެއް އަދިމިހައިތަނަށް ލިބިފައެއް ނުވެއެވެ. މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ދައުލަތުގެ މީޑިއާގެ އެއްވެސް މުވައްޒިފަކުވެސް އެކަމުގައި ހަރަކާތްތެރިވެއުޅޭކަން އެނގިފައެއް ނެތެވެ.  

ކޮވިޑް ހުއްޓުވުމުގެ ބާރުލިބިގެން ތިބިކަމަށްބުނާ މީހުން ކޮބައިހެއްޔެވެ؟ ނުކުމެ ކޮރޯނާ ބަލިކޮށް ރާއްޖެއިން ފައްސައި ނުލަނީ ކީއްވެގެން ހެއްޔެވެ؟ 

"ދިވެހި މީޑިއާ"ގެ ނަމުގައި ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ ހުރިހާ މީޑިއާތަކެއްގެ ނަން ބާރުހުރި ފަރާތްތަކުން ބޭނުންކުރިނަމަވެސް މެދުނުކެނޑި ރާއްޖޭގައި ނެރޭ އެންމެ ދުވަސްވީ ނޫސްކަމުގައިވާ މިއަދުނޫހުގައި ކޮވިޑް ހުއްޓުވޭފަދަ ބާރެއްހުރި މުވައްޒިފަކު ނެތުމުން އެޙަރަކާތުގައި މިއަދުނޫސް ބައިވެރިއެއް ނުވެއެވެ. މިއަދުނޫހުން ޤަބޫލުކުރަނީ ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ފަދަ ޢިލްމުވެރިން "ކޮވިޑް ހުއްޓުވޭނެ އެއްވެސް މީހަކު ނެތް" ކަމަށްވިދާޅުވާ ބަސްފުޅެވެ. ޙައްލުލިބުން އޮތީ "ސަބަބުތަކުގައި ހިފަހައްޓައިގެންތިބެ މާތް ﷲ އަށް ދުޢާކުރުމުން" ކަމަށް ވިދާޅުވާ ބަސްފުޅުކަން މިފުރުޞަތުގައިވެސް ތަކުރާރުކޮށްލަމެވެ.

މިއަދު އޮންލައިން