މާލޭގައި ކާފިއު އިއުލާންކޮށް ޕާޓީތަކާއި، ހަފްލާތަކާއި އަދި ރަސްމިއްޔާތުތައް ބޭއްވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.
މިކަމާގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެއްނގުމުގައި ބުނެފައިވަނީ ވަކިގޮ ތެއް އަންގަންދެން، 2021 ޖަނަވަރީ 27 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ފަތިހު 04:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.
މީގެއިތުރުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމާއި 2021 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެއިންބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުން ހިމެނެއެވެ.
މިފިޔަވަޅުތައް ތަންފީޛުކޮށް، ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް ވަނީ އަންގައިފައެވެ.