ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރި ވުމުގެ ފުރުސަތު އެކުންފުނިިން ހުޅުވާލައިފިއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދެއެވެ.
މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެއެވެ. މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށްއެކަންޔެއް ނޫނެވެ. މާލޭގެ އިތުރުން ސީނު، ތިނަދޫ، އަރި އަދި އެދަފުށީގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެއެވެ.
މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި މާކެޓިންގ، ސޭލްސް، ހިއުމަން ރިސޯސަސް،ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެއެވެ.
ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކާ އަދި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށްވެސް ދަނީ އިތުރު ފުރިހަމަކަމެއް ގެންނަމުންނެވެ. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މިއަހަރު މިވަނީ ހުޅުވާލާފައެވެ. އައިޓީ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށް، ކުރިން މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިނުވާ ދިވެހި ޒުވާނުންނަށް މި ޕޮރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޕެޝަލައިޒްވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިންގ ދެވި، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެނދާނެއެވެ.
މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެއްކެވެ.
2009 ގައި އަލަށް ތައާރަފްކުރި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއްނެތި ހިންގާތާ މިއީ 12 ވަނަ އަހަރެވެ. 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގޭގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވީނަމަވެސް، އެ އަހަރު ދަރިވަރުންގެ ޓްރެއިނިންގތައް މެދުނުކެނޑި، އޮންލައިން ކޮށް ކުރިއަށް ގެންދިޔައެވެ. އެގޮތުން، މި ޕްރޮގްރާމްތެރޭގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް އާއި ވަޒީފާއަށް ބޭނުންވާނެ އެކި ޓްރެއިނިންގ ތައް ދިޔައީ ދެމުންނެވެ. މީގެ ތެރޭގައި: ރިމޯޓް ވާރކިންގ، އެތިކްސް، ޓައިމް މެނޭޖްމަންޓް، ޕްރޮޖެކްޓް ޕްލޭނިންގ، ޕްރެޒެންޓޭޝަން ސްކިލސް ފަދަ ޓްރެއިނިންގ ހިމެނެއެވެ. މ ޕްރޮގްރާމް މެދުވެރިކޮށް ދިރާގުގެ އެންމެ ބޮޑު އެއް އަމާޒަކީ މުސްތަގުބަލުގައި ޤައުމު ހިންގާނެ ގާބިލް ޒުވާނުން އުފެއްދުމެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ސީވީ އަދި ބޭނުންވާ އިތުރު ޑޮކިއުމެންޓްތައް 10 ފެބްރުއަރީ 2021 ގެ ކުރިން މި ލިންކް http://bit.ly/DAP2021 މެދުވެރިކޮށް ސަބްމިޓް ކޮށްލެވޭނެށެއެވެ.