ގިނަ ބާވަތުގެ ވެކްސިން ލިބެންހުރުމަކީ ގިނަ ބައަކު އަވަހަށް ވެކްސިން ޖަހާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ގިނަ ބާވަތުގެ ވެކްސިން ލިބެންހުރުމަކީ ގިނަ ބައަކު އަވަހަށް ވެކްސިން ޖަހާނެ ސަބަބެއް!

ކޮރޯނާ އިން ދިފާއުވުމަށް ޖަހާނެ އިތުބާރުހުރި ވެކްސިން ގިނަ ކުންފުނިތަކަކުން އުފައްދާފައިވާއިރު ތަފާތު ކުންފުނިތަކުގެ ވެކްސިން ލިބެން ހުރުމަކީ ގިނަ ބައަކު އަވަހަށް ވެކްސިން ޖަހާނެ ސަބަބެކެވެ.

މިގޮތުން ބަލާއިރު ހިލޭ ލިބޭ ވެކްސިން ހިލޭ ޖަހައިދެވިދާނެއެވެ. އަގުދީފައި ހޯދާ ވެކްސިނަށް އަގުނަގައިގެންވެސް ޖެހިދާނެއެވެ.

ކޮންމެ ވެކްސިނަކީވެސް ހަމަރަނގަޅު ވެކްސިނެކެވެ. ނަމަވެސް ޖަހާ މީހާގެ ވިސްނުން ތަފާތުވެދާނެއެވެ. އެމީހާ ބޭނުންވަނީ ވަކި ޤައުމެއްގެ ނުވަތަ ވަކި ކުންފުންޏެއްގެ ވެކްސިން ކަމަށްވެދާނެއެވެ. އެއީ އެމީހަކު ދެކެ ރުޅި އަންނަން ޖެހެންވީ ސަބަބެއް ނޫނެވެ.

އެއީ ރާއްޖޭގެ ބާޒާރުގައި 10، 12 ވައްތަރުގެ ކިރާއި ނެޕީ އަދި ހަނޑުލުގެ ތަފާތު ބާވަތްތައް ވިކެމުންދާ އުޞޫލުން ހިނގާނެ ކަމެކެވެ. އެހެންކަމުން ޗައިނާއިން ދިން ވެކްސިންތައްވެސް އަވަހަށް ގެނެސް ޖަހަން ފެށުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އެއީ މިހާރުވެސް ގިނަ ބައަކު އެޗްޕީއޭއަށް ގުޅައި ޗައިނާ ވެކްސިން ގެނެސް ޖަހަން ފަށާ ދުވަހެއް އޮޅުން ފިލުވަމުން ގެންދާތީއެވެ. އެޗްޕީއޭއިން ދެނީ ވަރަށް ރުންކުރު ޖަވާބެކެވެ. "އެކަން ހަމަޖެހުނީމަ އިޢުލާނުކުރާނެ" ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.

ހަމައެއާއިއެކު ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ވެކްސިންވެސް ނުގެންނަންވީ ސަބަބެއް ނެތެވެ. އެއް ޑޯޒުން ފުދޭތީ އެ ވެކްސިން ބޭނުންވާ ބައަކުވެސް ތިބޭނެއެވެ. ހިލޭ ނުލިބޭނަމަ އަގުދީގެން ޖަހަން ބޭނުންވާ ބައަކު ބަލައި އަތުން ކުރިއަށް އަގުނަގައިގެންވެސް ގެނެސް ނުޖހަންވީ ސަބަބެއް ނެތެވެ.

އެމީހަކު ބޭނުންވާ ވެކްސިން ޖެހުމަށްޓަކައި ރާއްޖެއިން ބޭރަށް ދަތުރުކޮށްގެންވެސް ވެކްސިން ޖަހަމުންގެންދާ ކަމުގެ މައުލޫމާތު މިއަދުނޫހަށް ވަނީ ލިބިފައެވެ.

މިއަދު އޮންލައިން