ފުރަތަމަ މިކިޔައިދެނީ އަގުހުރި ފިލާވަޅެއް ފަދަ ޙާދިސާއެއްގެ ވާހަކައެކެވެ.
މަގުމަތީގަ ސަލާންޖަހަން ހުރި ކުޑަކުއްޖަކު ފެނުމުން ބަތްޕާރުސަލެއް ގަނެދީފައި އޭނާ ދިއައީއެވެ. އިރުކޮޅެއްފަހުން އެނބުރި އައިއިރު ހަމަ އެކުއްޖާ ކުނިވަށިގަނޑު ހާވަންހުއްޓައި ފެނުމުން ޙައިރާންވެ ސުވާލުކުރިއެވެ. "ކާނެ އެއްޗެތި ދެންމެ ގަނެދިނީމާވެސް ވަށިގަނޑު ހާވަނީ ކީއްވެގެން ހެއްޔެވެ؟"
ކުއްޖާ އިނގިލިދިއްކޮށް ދުރުގައި އިން އަންހެނަކު ދައްކާފައި ބުންޏެވެ. "ދެމައިން ނުކައިތިބޭތާ 2 ދުވަސްވީއެވެ. އެހެންވެ އެޕާރުސަލް މަންމައަށް ދިނީއެވެ. މަންމަ ބަލިވެއުޅޭތީ ޖެހެނީ އިށީނދެ އިންނާށެވެ!"
އެމީހާގެ ހިތް ފަޅައިގެންދިއަ ފަދައެވެ. "ޢުމުރުން 10 ވަރަކަށް އަހަރުގެ މިކުއްޖާގެ ހިތުގައި މަންމައަށް ލޯބިނިކަން ދެކިބަލާށެވެ! މިއީ މިގޮތަށް މަގުމައްޗަށް ދޫކޮށްލަން ހެޔޮވާނެ ކުއްޖެއް ނޫނެވެ." އޭނާ ގެއަށް ދިއައީ ދެމައިން ގޮވައިގެންނެވެ. ދެމައިންގެ ބެލެނިވެރިކަމާއި ޙަވާލުވިއެވެ. މަންމައަށް ބޭސްކޮށްދިނެވެ. ކުއްޖާއަށް ކިޔަވައިދިނެވެ.
15 އަހަރު ފަހެވެ. އެތަނަވަސް މީހާގެ ވިޔަފާރީގައި އިސްކޮށް ގެންގުޅެނީ އެކުއްޖާއެވެ. އަމިއްލަ ދަރިއަކު ނެތުމުން ދަރިއަކަށްވެސް ވަނީ ހަދައިފައެވެ. ކުއްޖާގެ މަންމައާއިމެދު ދެކެނީ އަމިއްލަ މަންމަ ފަދައިންނެވެ.
ދަރުސަށް އެނބުރެމާ ހިނގާށެވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. އެކަމުގެ ސަބަބުން ތިމާއަށް ފައިދާކުރާނީ ކޮން ސިފައެއްގައިކަމެއް ނުއެނގޭނެއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތާ ދަރިއަކު ނިކަމެތި ނުކުރައްވަވާނެތެވެ.
ﷲ ތަޢާލާ ރަޙުމަތް ލައްވަވާނީ އެކިގޮތަށެވެ. އެކި މިންވަރަށެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ އެމީހަކަށް ރަޙުމަތް ލައްވަވައިފިނަމަ ދުނިޔޭގައި ހިތްހަމަޖެހުން ލިބުމުގެ އިތުރަށް އެމީހެއްގެ އާޚިރަތް ބާއްޖަވެރިވާނެ ކަމެވެ.
އަތްމަތި އެކުގައި ހުސްވިޔަސް މައިންބަފައިންނަށް ހޭދަކުރަން ފަސްނުޖެހޭށެވެ. ހޭދަކުރިވަރަށްވުރެ އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން