އެއީ ވަރަށް ވަފާތެރި ޚާދިމާއެކެވެ. އޭނާ އެގެއަށް ގެނެނުވުނީ ދެމަފިރިންގެ 3 އަހަރުގެ އަންހެން ދަރިފުޅު ބެލުމަށާއި ގޭގެ މަސައްކަތްކުރުމަށެވެ. އޭނާގެ ވަޒީފާ އޭނާ އަދާކުރަނީ ވަރަށް ރަނގަޅަށެވެ. އެހެންވެ ދަރިފުޅުވެސް ޢޭނާދެކެ ވަރަށް ލޯބިވެއެވެ.
ދަރިފުޅަށް 7 އަހަރުގައި ދަރިފުޅަށް ފެންނަނީ މަންމަ ޚާދިމާއަށް އަނިޔާކުރާތަނެވެ. ތަލަންފެށި ސަބަބުވެސް ދަރިފުޅަށް އެނގެއެވެ. އެއީ ޚާދިމާ މަސައްކަތުގައި އުޅެނިކޮށް މަންމަގެ ފޯނުގެ ސްކްރީން ޚާދިމާއަށް ފެނުމެވެ.
އަނިޔާލިބެމުންދިއައިރު ޚާދިމާ ރުއިން ނޫން އެއްވެސް ކަމެއް ނުކުރެއެވެ. އަނބިމީހާ ބުނަމުން ގެންދިއައީ ތިއައުޅެނީ އަހަރެންގެ ކުށް ހޯދައިގެން ދެމަފރިންގެ ދެމެދަށް ވަންނަން ކަމަށެވެ. ޚާދިމާ ޖަވާބެއް ނުދެއެވެ. ހަމައެކަނި ބުނިހައިވެސް ބަހަކީ ޤަޞްދުގައި ސްކްރީނަށް ބެލީ ނޫންކަމަށެވެ. މޫނު އަނބުރައިލެވުނުތަނާ ފެނުނީ ކަމަށެވެ. ޚާދިމާ އިތުރަށް ކުރިކަމަކީ ދުޢާކުރުމެވެ. އޭނާއަށް ދެރަގޮތެއް މިންވަރު ނުކުރެއްވެވުން އެދިގެންނާއި އަނިޔާއިން ސަލާމަތްކޮށްދެއްވެވުން އެދިގެންނެވެ.
ބައްޕަ ގެއަށް އައުމާއިއެކު ބައްޕަ އާއި މަންމަގެ ކުރިމައްޗަށް ޚާދިމާ ގެނެސް މޫނަށާއި ތަންތަނަށް މަންމަކުރި އަނިޔާތައް ބައްޕައަށް ދައްކައި މަންމަ ކަންކަންކުރި ގޮތް ކިޔައިދިނެވެ. މަންމަ ބުނީ ދަރިފުޅު ދޮގުހަދަނީ ކަމަށެވެ. ބައްޕަ ބުނީ ދަރިފުޅު ދޮގު އެހަދަނީ މަންމަ ކުށްވެރިކޮށް ކަމަށްވުމުން މަންމައާއިމެދު އެވަރުގެ ބޮޑު ދޮގެއް ހަދާނެކަމަށް ޤަބޫލުނުކުރާ ކަމަށެވެ. އަދި ދަރިފުޅު ދޮގުހެދުމަކީ ޚާދިމާގެ ގައިން އޭނާއަށް އަނިޔާކުރިކަމުގެ އަސަރުތައް ފެންނަން ހުންނާނެ ކަމެއް ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.
"ތިއައީ މިހައި ތަނަށް އަހުރެން އިތުބާރުކޮށް ލޯބިން ގެންގުޅުނު އަނބިމީހާއެވެ. ތިބާ އަހުރެންނަށް ބޭވަފާތެރިނުވާނަމަ ފޯނުގެ ސްކްރީން ފެނުމަކީ ޚާދިމާއަށް އެވަރުގެ އަނިޔާތަކެއް ކުރަންޖެހޭނެ ސަބަބެއް ނޫނެވެ. ބޭވަފާތެރިވުމުގެ މައްސަލަ އިތުރަށް ތަޙްޤީޤްކުރަންވެސް ބޭނުމެއް ނޫނެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑީ ދަރިފުޅަށް ތިއަ ނަގައިދިން ފިލާވަޅެވެ. ތިއަވަރުގެ އަންތބަކު ބޭނުމެއް ނޫނެވެ. ދަރިފުޅު ބަހއްޓާފައި އަވަހަށް ގެއިން ނުކުމެގެންދާށެވެ. ތިއައީ ދަރިއަކު ތަރުބިއްޔަތުކުރެވޭނެ އަންހެނެއް ނޫނެވެ."
އަނބިމިހާ ދެރަވެ މާފަށް އެދުނެވެ. ނަމަވެސް ފިރިމީހާ އޭނާގެ ނިންމުން ބަދަލކުނުކުރުމުން އަނބިމީހާއަށް ޖެހުނީ ގެއިން ނުކުމެގެންދާށެވެ. އެއިގެ ފަހުން މަހެއްވީއިރު ދަރިފުޅު އެދިގެން ބައްޕައާއި ޚާދިމާ ކައިވެނިކޮށްފިއެވެ. ދަރިފުޅު ބުނީ މަންމައަކު ބޭނުން ކަމަށާއި މަންމައަކަށް ބޭނުންވަނީ ޚާދިމާ ކަމަށެވެ. ދެމީހުންގެ މެދުގައި ލޯބީގެ އެއްވެސް ވާހަކައެއް ކުރިން ދެކެވިފައި ނެތްނަމަވެސް ދަރިފުޅުގެ އުފަލަށްޓަކައި ދެމީހުން ގުޅުނީއެވެ.
މިއީ ދާދިފަހުން ހިނގާފައިވާ ކަމެކެވެ. މިހާދިސާއިން އަޅުގަނޑު ފާހަގަކުރަން ބޭނުންވާ އެންމެ ބޮޑުކަމަކީ އަނިޔާލިބޭ މީހާކުރާ ދުޢާ ޢިޖާބަކުރައްވަވާ ކަމެވެ. އަދި ކިތަންމެ ދެރަ ނިކަމެތި މީހަކަށްނަމަވެސް އަނިޔާވެރިވުމަކީ އެކަން އެމީހަކާއި ބައްދަލުކުރާނެ ކަމެއްކަމެވެ.
އެނިކަމެތި ޚާދިމާއަށް ލިބުނު ބޮޑު ނިޢުމަތަށް ވިސްނާށެވެ! ނުވެސް ވިސްނައި ހުއްޓައި އެލިބުނީ އަޚްލާޤް ރަނގަޅު ތަނަވަސް ފިރިއެކެވެ. ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟
- ނިރޯޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް