ކުއްލި ހާދިސާތަކަށް އެންމެ ފުރަތަމަ ޑްރޯން މެދުވެރިކޮށް އިޖާބަދިނުމުގެ ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ތަޢާރަފްކުރާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، މި ޚިދުމަތް ތަޢާރަފްކުރުމުން ކަމާބެހޭ ފަރާތްތަކަށް ހާދިސާއެއް ރިޕޯޓުކުރުމާއެކު، ޑްރޯން މެދުވެރިކޮށް އެ ސަރަޙައްދެއްގެ މަންޒަރުތައް ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މިއީ ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ހާދިސާ ހިނގާ ސަރަޙައްދުގެ ހާލަތު އަވަހަށް ދެނެގަތުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ޚާއްޞަކޮށް ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ނުވަތަ ކަނޑުދަތުރުފަތުރުގެ ދަތިތަކާހުރެ ފުލުހުންނަށް އެ ސަރަޙައްދަކަށް ދިއުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށް މި ޓެކްނޮލޮޖީގެ އެހީތެރިކަން ލިބޭނެއެވެ. ޑްރޯންގެ އެހީގައި ހާލަތު ދެނެގަތުމުން، އެންމެ އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަންވެސް ވަޒީރު އިޢުލާންކުރެއްވިއެވެ. މިއީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިފަދަ އައު ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ރައްޔިތުންނަށް ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަލުވިވެ، ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.