ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 15 ގޮފި ގާއިމުކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާން އެވެ.
ސަޢުދާން ވިދާޅުވީ މީގެކުރިން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ހުރިނަމަވެސް، އޭގެ ތެރެއިން ގިނަ ތަންތަނަކީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ތަންތަން ނޫން ކަމަށެވެ. ނަމަވެސް މިހާރު ޤުރުއާނާ ބެހޭ މަރުކަޒު ވަކި އިންސްޓިޓިއުޓެއްގެ ފެންވަރަށް ބަދަލުވުމާ ގުޅިގެން، ހުރިހާ ގޮފިތަކެއްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ މިންގަނޑުތަކަށް ފައްތައި ރަޖިސްޓަރީކޮށްގެން ހިންގުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އެ ގޮފިތަކަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށާއި، ވަކި ބަޖެޓެއް ކަނޑައަޅައިގެން މުޅިން އަލަށް ގޮފިތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިހާތަނަށް 50 ގޮފީގެ ތެރެއިން 35 ތަނެއްގެ ރަޖިސްޓްރޭޝަން މަސައްކަތް ނިމިފައިވާއިރު، އޭގެ ތެރެއިން 25 ތަނެއްގައި މިހާރު ވަނީ ކިޔަވައިދޭން ފަށާފައެވެ.
މުދައްރިސުން ހޯދުމާ ގުޅޭގޮތުން ސަޢުދާން ވިދާޅުވީ، "މުދައްރިސުން ނެގުމަށް ބޭނުންވާ ބަޖެޓް ދިނުމަށް ސަރުކާރުން ނިންމާފައިވޭ. ބައެއް ރަށްރަށަކީ ޤުރުއާން މުދައްރިސުން ހޯދަން ވަރަށް އުނދަގޫ ރަށްތަކެއް. އެފަދަ ތަންތަނަށް ބިދޭސީން މުދައްރިސުން ގެނައިން،" ކަމަށެވެ.
މީގެ އިތުރުން ބިދޭސީ މުދައްރިސުން ގެނައުމުގައި އެއީ އިމާމްވެ ތަރާވީޚް ނަމާދުކުރެވޭ ފެންވަރުގެ އަދި އަރަބި ބަސްވެސް ކިޔަވައިދެވޭނެ ފަދަ ޤާބިލު ބޭފުޅުންތޯ ބަލަމުންދާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާން ވިދާޅުވިއެވެ.