މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގެ ކޮންސިއުމަރ ޑިމާންޑް އިތުރުވަމުން އައި މިންވަރާ އަޅާބަލާއިރު، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް މީގެ ކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވީނަމަވެސް، އިތުރުވަމުންދާ ބޭނުންތަކާ އެއްވަރަށް ސީ ޕޯޓު ތަރައްޤީ ކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އާބާދީ އިތުރުވެ، އަހަރަކު 2 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، މިހާރު ހުރި ބަނދަރުގެ ވަސީލަތްތައް އެ ޑިމާންޑާ ނުބައްދަލު ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢަކީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިންމު ނިންމެވުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މި މަހުގެ 6 ވަނަ ދުވަހު އެތަނުގެ ބިންގާ އަޅައި، 2027 ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭ ކޮމާޝަލް ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ނިންމުމުގެ މަސައްކަތް މި ކުރަނީ،" ކަމަށެވެ. އަދި މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން ކަމަށާއި، ހުރި ގޮންޖެހުންތަކާއެކުވެސް އަމަލީ ގޮތުން މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމުން ރާއްޖެއަށް އެތެރެކުރާ މުދާ ހުސްކުރުމާއި، މުދާ ރައްކާކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ.