ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓްތަކުން ހިންގާފައިވާ ޕްރޮކިއުމަންޓް މައްސަލަތަކުގެ ސަބަބުން، އެ ކުންފުންޏަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އަފީފު ވިދާޅުވީ، ކުންފުނީގެ ފައިދާއަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށް، ފެންވަރު ދަށް ތަކެތި ހޯދުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި މިހާރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށާއި އޮޕަރޭޝަނަލް މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ ބައެއް އަމަލުތަކުގެ ތަފްސީލު ހާމަކުރައްވަމުން އަފީފު ވިދާޅުވީ، އޮރިޖިނަލް ތަކެތީގެ ނަމުގައި ޑުޕްލިކޭޓް ތަކެތި ހޯދުމާއި، މުވައްޒަފުންގެ ނަމުގައި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ކުންފުނީގެ ފައިސާ ހޯދާފައިވާކަން ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.
ކުންފުނީގެ ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށްޓަކައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިހާރު ވަނީ ނިންމާފައެވެ. އަފީފު ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަނަށް ހުޅުވިފައި ހުރި ހުރިހާ ދޮރުތަކެއް ބަންދުކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުންފުނީގެ މުާމަލާތްތައް ކުރިއަށް ގެންދިއުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން، ޚިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވާ ސްޕެއާ ފަދަ ތަކެތި ދުރާލާ ހޯދައި، ރައްކާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށްވެސް އެމްޑީ އަފީފު ވިދާޅުވިއެވެ.