ޢާންމުވެފައިވާ ކަންކަމުގެ ތެރެއިން އަޅުކަންކުރިނަމަވެސް އެހެން މީހުންނަށް ޙަސަދަލުމަކީ ސުވަރުގެ ނުވަދެވިދާނެ ކަމުގެ ބިރު އެންމެ ބޮޑު އެއްސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢާންމުވެފައިވާ ކަންކަމުގެ ތެރެއިން އަޅުކަންކުރިނަމަވެސް އެހެން މީހުންނަށް ޙަސަދަލުމަކީ ސުވަރުގެ ނުވަދެވިދާނެ ކަމުގެ ބިރު އެންމެ ބޮޑު އެއްސަބަބު!

ތަންކޮޅެއް ކުރީގެ ޒަމާންތަކަށް ބަލައިފިނަމަ ޙަސަދަވެރިކަން ކުރިމަތިވަނީ ތަންކޮޅެއް ދުރު މީހުންގެ ކިބައިންގެ ކިބައިންނެވެ. ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ގިނަ ބައަކަށް ޙަސަދަވެރިކަން ކުރިމަތިވަނީ އެންމެ ގާތްމީހުންގެ ފަރާތުންނެވެ. އަމިއްލަ ޢާއިލާގެ ތެރެއިންނާއި އެންމެ ގާތް އެކުވެރިންގެ ފަރާތުނެވެ.  

ގިނަ ބައަކު ހަސަދަވެރިވަނީ މާބޮޑު މައްސަލައެއް އޮވެގެނެއްވެސް ނޫނެވެ. އަނެކާގެ ބައިވެރިޔާ ތަންކޮޅެއް ރީތިވެގެންނެވެ. އެދެމަފރިން ލޯބިން ދިރިއުޅޭތީއެވެ. އެމީހުން ތަންކޮޅެއް ތަނަވަހުގައި އުޅޭތީއެވެ. ނިކަން ބުނެބަލާށެވެ! މިއިން އެއްވެސް ކަމަކުން ތިބާއަށް ލިބެނީ ކޮން ގެއްލުމެއް ހެއްޔެވެ؟  

ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ސިފައިގައެވެ. ވީމާ މީހަކަސް ހުތުރިއްޔާ ލިބޭނީ ކޮންގެއްލުމެއް ހެއްޔެވެ؟ މީހަކު ކިތަންމެ ބޮޑު ތަނަވަސްކަމެއްގައި އުޅުނަސް އަނެކާއަށް ޛައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ. ލޯބިން ދިރިއުޅުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. ތިމާމެންވެސް ލޯބިން އުޅެންވީ ނޫންހެއްޔެވެ؟ އެދެމަފިރިން ކިތަންމެ ބޮދަސް ލޯބިން އުޅުނިއްޔާ އެކަމުން ތިބާއަށް އުނިވާނީ ކޮންކަމެއް ހެއްޔެވެ؟ ދެން އޮތީ ތަނަވަސްކަމެވެ. އެހެން މީހަކަށް ތަނަވަސްކަން އިތުރުވުމަކީ ތިބާއަށް ޛައްރެއްގެ މިންވަރުވެސް މަދުވާނެ ކަމެއް ނޫނެވެ.  

އެހެންކަމާއިއެކުވެސް ނިކަން ވިސްނައިލަބަލާށެވެ! މިއަދުގެ ޙާލަތަށް ބަލައިފިނަމަ މުސްލިމުންގެ ތެރެއިން ގިނަބައަކު އެންމެ ބޮޑަށް ގެއްލި ހަލާކުވެގެންދަނީ އެހެން މީހުންނަށް ޙަސަދަލާތީއެވެ. ވީމާ މިއީ ސަމާލުކަންދީގެން އިޞްލާޙްކުރަންޖެހިފައިވާ އެއްކަންތަކެވެ.  

ފުރަތަމަ ކަމަކީ ޙަސަދައިގެ ސަބަބުން އަލިފާން ދަރު އަންދާ އުޞޫލުން ތިމާކުރާ ހެޔޮ ޢަމަލުތައް ގެއްލި ހުސްވެގެންދާކަމެވެ. އެއިރުން އަޅުކަންކުރިނަމަވެސް ޤިޔާމަތް ދުވަހު ހުސްއަތާ ހުންނަންޖެހޭނެ ކަމެވެ.  

ސުވަރުގެ ވަންނަން ޤަޞްދުކުރާމީހާއަށް އޮތީ ވީހާގިނަ ހެޔޮ ޢަމަލުތައް ހިފައިގެން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަމްރަތުގައި ހުއްޓިހުންނަން ގަދައަޅައި މަސައްކަތްކުރުމެވެ. އަހުރެމެންކުރާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ކުރެވެނީ ކިތައް ޢަމަލުކަމެއް، ނުވަތަ އެންމެ ޢަމަލެއް ކުރެވޭކަންވެސް އެނގެނީއެއް ނޫނެވެ. އެޙާލަތުގައި ތިބި ބައަކު ކުރެވުނު ހެޔޮ ޢަމަލުތައް އަންދައި ހުސްކޮށްގެން ތިބެ ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހިއްޖެނަމަ ސުވަރުގެ ހޯދޭނީ ކިހިނަކުން ހެއްޔެވެ؟  

ޙަސަދަލައިގެން އުޅުމަކީ ﷲ ތަޢާލާ ލަޢްނަތް ލައްވަވާ ކަމެކެވެ. އެކަމެއް ކުރުމުން ﷲ ތަޢާލާ ލަޢްނަތް ލައްވަވައިފާނެ ކޮންމެ ކަމަކުން ދުރުހެލިވެތިބެން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން