އަނބިމީހާ ނަމަވެސް ފިރިމީހާނަމަވެސް އަނެކާ
ތިމާއަށް ހުތުރު ބަސްތައް ބުނެ އަޑުއުފުލާނަމަ ރައްދުނުދީ ކެތްތެރިވެލާށެވެ! އެކަމުގެ ސަބަބުތައް މިކިޔައިދެނީއެވެ.
ރުޅި އައިސްގެން އެއްޗެތިގޮވައި ނުރުހުމުގެ ބަސްބުނާނަމަ އެއްބައަކު ޖަދަލުކުރެއެވެ. އަނެއް ބައަކު އަޅައިވެސްނުލާ މަޑުން ތިބެއެވެ. މަޑުން ތިބޭ މީހުން އެގޮތަށް މަޑުން އެތިބެނީ އެއްވެސް ޙާލެއްގައި އެމީހުންނަކީ ކުށްވެރިން ކަމުގައި ވެގެނެއް ނޫނެވެ. އަދި އެމީހުންގެ ބާރު ދެރަވެގެން ނުވަތަ ކުރެވޭނެ ކަމެއް ނެތިގެނެއް ވެސް ނޫނެވެ. ޙަޤީޤަތުގައި ބާރުގަދަ މީހުންނަކީ އެއީއެވެ.
އެމީހުން އެ އަމަލުކުރަނީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅަށެވެ. އެންމެ ބާރުގަދަ މީހާ އަކީ ރުޅި އަންނަ ވަގުތު ރުޅި ކޮންޓްރޯލް ކުރެވޭ މީހާ ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅަށެވެ.
މީހުން ރުޅި އައިސް ބަސް ބުނުމުން ރައްދު ނުދީ ހިނިތުންވަނީ މަދު މީހެކެވެ. މިފަދަ މީހުން ހިނިތުންވެލުމުން އެމީހަކު ތިމާއަށް ފުރައްސާރަކުރަނީ ކަމަށް ދެކެ ރުޅި އަންނަ މީހުން ވަރަށް ގިނައެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ.
އެފަދަ މީހުން އެމީހުންގެ މޫނުމަތިން ހިނިތުންވުން ދެއްކި ނަމަވެސް އެމީހުންގެ ހިތް އޮންނާނީ ރޮއިރޮއިއެވެ. އެއީ ތިބާ ރުޅި އައިސްފައި ހުރުމުންނެވެ. ރުޅި ނައިސް މައްސަލަ ހައްލުކުރެވޭނެ ގޮތަކަށް ނުވިސްނީތީއެވެ. އެފަދަ މީހުން އެވަގުތުވެސް ﷲ ތަޢާލާއަށް ދުޢާކުރާނެތެވެ. ތިބާއަށް ހެޔޮ ވިސްނުން މިންވަރު ކުރެއްވެވުން އެދިއެވެ.
މިއީ ބައެއް ޢާއިލާތަކުގައިވެސް ކުރިމަތިވާ ކަމެކެވެ. އަނބި މީހާއަށް ނުވަތަ ފިރިމީހާއަށް އެފަދަ ބަސްތައް ބުނެ ރުޅިވެރިކަން ފައުޅުކުރުމުން އަނެކާ މަޑުން އެބަހުރެއެވެ. ހިނިތުންވެސް ވެއެވެ. އެފަދަ ހާލަތުގައި އޭނާ އެގޮތަށް ކަންތައް ކުރަނީ އޭނާގެ ކުށް ބޮޑުކަމުން ކަމަށް ޤަބޫލުކުރެވި އިތުރަށް ރުޅިގަދަކުރެވޭތަންވެސް އެބައާދެއެވެ.
އެއީ އެއް ގޮތަކަށްވެސް އެހެން މެދުވެރިވާ ކަމެއް ނޫނެވެ. އޭނާ ތިބާ އާއި ޖަދަލުކުރަން ބޭނުން ނުވަނީއެވެ. އިތުރަށް ބަސް ބުނެ ޒުވާބުކުރަން ބޭނުން ނުވަނީއެވެ. ޞުލްޙަވެރިކަމާއިއެކު ކަންކަން ޙައްލުކުރަން ބޭނުންވަނީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން