ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދިނުމަށްޓަކައި، ބޯހިޔާވަހިކަމުގެ އައު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއްޠަލިބު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން އާއިލާތަކުގެ ދަރިން ގިނަވެ، މިހާރު ދިރިއުޅެމުންދާ ތަންތަން ކުޑަވުމުގެ ސަބަބުން އިތުރަށް ތަނަވަސް ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ ގިނަ އާއިލާތަކެއް ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެހެން ތަނަކަށް ބަދަލުވުމުގެ ފުރުސަތު ހޯދުމަކީ މިވަގުތު އެހާ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މިހާރުވެސް އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އެހެންނަމަވެސް، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އެއަށްވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"ހިޔާ ޓަވަރުތަކަކީ ވަރަށް ގިނަ މީހުން ދިރިއުޅޭ ތަނެއް. އެއިން ކޮންމެ ޓަވަރެއްގައި 2،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް ބެލެވޭ. އެ ރައްޔިތުންނަށް ފަސޭހަކަމާއި ލުއިތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓްގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ޓަވަރުތަކުގައި ލިފްޓްތައް ހަރުކޮށް، އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.