ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަން ފަށާފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) އިން ހާމަކޮށްފިއެވެ.
ދިވެހި ސިވިލް ސަރވިސްގެ އާބާދީއަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ނިސްބަތްވަނީ ތަޢުލީމީ ދާއިރާއަށެވެ. މި ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަކީ ދަރިވަރުންގެ މުސްތަޤުބަލަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކޮށް، ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވާ ބައެކެވެ. ނަމަވެސް، މަސައްކަތުގެ މާޙައުލު ބައްޓަންވެފައިވާ ގޮތުންނާއި އިދާރީ އެކި ސަބަބުތަކާ ހުރެ ޓީޗަރުންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކުރެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛް އިބްރާހީމް ރަޝީދު ވިދާޅުވީ، ޓީޗަރުންނަށް ދިމާވާ ދަތިތައް ދެނެގަތުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ސްކޫލްތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް، އެބޭފުޅުންގެ ޝަކުވާތަކާއި ޚިޔާލުތައް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން މާލެ ސަރަޙައްދުގެ ގިނަ ސްކޫލްތަކަކަށް ޒިޔާރަތްކޮށް، ޓީޗަރުންނާ ބައްދަލުކުރެވިއްޖެ. އަޅުގަނޑުމެންގެ މަޤްޞަދަކީ މަސައްކަތުގެ މާޙައުލުގައި ހުރި ދަތިތައް ދެނެގަނެ، އެކަންކަމަށް އެދެވޭ ޙައްލެއް ގެނައުން،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމަށް އިސްކަންދެއްވާއިރު، ސިވިލް ސަރވިސް ކޮމިޝަނުން ފަށާފައިވާ މި މަސައްކަތަކީ ޓީޗަރުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް، ވަޒީފާގެ މާޙައުލަކީ އުފާވެރި ތަނަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކޮމިޝަނުން ދެކެއެވެ.
ޓީޗަރުންގެ މަސައްކަތުގެ ގަޑިތަކާއި، އިދާރީ ބުރަ ބޮޑުވުމާއި، އަދި އެ ނޫންވެސް މަސައްކަތުގެ މާޙައުލާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް މި މަޝްވަރާތަކުގެ ތެރެއިން އަލިއަޅުވާލެވޭނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުގެ ޙާލަތު ބެލުމަކީވެސް އެ ކޮމިޝަނުގެ އަމާޒެކެވެ.