ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔް އާއި ޕީޕީއެމް ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ލިޔުންތައް މިއަދު ސުޕްރީމް ކޯޓަށް ނަގައިފިއެވެ.
ޕީޕީއެމްގެ އާންމު މެންބަރެއްކަމަށްވާ ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު ހުށަހަޅާފައިވާ މައްސަލައިގެ ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕް ސައްހަ ނޫން ކަމަށާޢި ކުރީގައި އޮތް ގޮތަށް ރައީސް މައުމޫނާ ޕާޓީގެ ލީޑަޝިޕް ހަވާލު ކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުން މިމައްސަލައިގެ ލިޔުންތައް ނަގައި ސިވިލް ކޯޓުގައި މިމައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވާފައި ވާއިރު މިމައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
މިމައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މި މަހު 15ގައެވެ.
ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.