މައިލޯ ފައިވްކޭ ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް ވިދާޅުވީ މިމަހުގެ 19 ވާ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި އޮންނަ މި ދުވުމުގައި ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ އޯގަނައިޒޭޝަނަކަށްވެސް ބައިވެރުވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
މި ދުވުމުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓުންނާއި އެފްބީ ޕޭޖުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި މާލޭގެ ބައެއް އިތުރު ސަރަޙައްދުތަކުންވެސް ފޯމު ލިބޭނޭ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށްވެސް ރައްޒާޤު ވިދާޅުވިއެވެ.
ރައްޒާޤު ވިދާޅުވީ މިއީ ޓީމު އިވެންޓަކަށްވާތީ، 5 ދުވުންތެރިންވެސް ދުއްވައިގަންނާނީ އެއްފަހަރާ ކަމަށާއި ނަމަވެސް ނިންމާ ވަގުތު ބަލާނީ ކޮންމެ ޓީމެއްގެވެސް އެންމެ ފަހުން ނިންމާ ބައިވެރިޔާގެ ވަގުތު ކަމަށެވެ.
"މިއީ ޓީމު އިވެންޓެއް. ކޮންމެ ޓީމެއްގައިވެސް ތިބޭނީ 5 ދުވުންތެރިން. ހުރިހާ ޓީމެއްގެ ދުވުންތެރިންވެސް ދުއްވައިގަންނާނީ އެއްފަހަރާ. ދެން މީގަ މުހިންމުވާނީ ދުވުން ނޫނީ ރޭސް ނިންމާ ވަގުތު ދޮގެއްތޯ. އެހެންވީމަ ޓީމުތައް ނިންމާ ވަގުތަކަށްވާނީ ކޮންމެ ޓީމެއްގެވެސް އެންމެ ފަހުން ނިންމާ ބައިވެރިޔާގެ ވަގުތު" ރައްޒާޤު ވިދާޅުވިއެވެ.
މި ދުވުމުގައި އެއް އޯގަނައިޒޭޝަނަކުން ކިތަންމެ ޓީމެއްވެސް ބައިވެރި ކުރެވިދާނެ ކަމަށާއި ބޭނުންވަނީ ވީހާވެސް ގިނަ މީހުންގެ ޝާމިލުވުން ކަމަށްވެސް ރައްޒާޤު ވިދާޅުވިއެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި ސީނިއަރ ކެޓަގަރީން އެއްވަނައަށްދާ ޓިމަކަށް 15,000/= ރުފިޔާ، ދެވަނައަށްދާ ޓީމަކަށް 10,000/= ރުފިޔާ އަދި ތިންވަނައަށްދާ ޓީމަކަށް 5,000/= ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދުވުން ފުރިހަމަކުރާ ހުރިހާ ޓީމުތަކެއްގެ މެދުގައި ނަގާ ގުރުއަތުން ދިމާވާ ތިން ޓީމަކަށް 3,000/= ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.
ޖޫނިއަރ ކެޓަގަރީން އެއްވަނައަށް 5,000/= ރުފިޔާ، ދެވަނައަށް 3,000/= ރުފިޔާ އަދި ތިންވަނައަށް 2,000/= ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ކެޓަގަރީން ދުވުން ނިންމާ ހުރިހާ ޓީމެއްގެ މެދުގައި ނަގާ ގުރުއަތުން ދިމާވާ 1 ފަރާތަށް ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަޙައްދުގައި ހިލޭ އެއަރބެލޫން ދުއްވާލުމުގެ ފުރުޞަތު ލިބޭނެއެވެ.
މިއީ ދުޅަހެޔޮ ސިއްޙަތަކަށްމަގުފަހިކޮށްދިނުމާއިދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދިމާވާބަލިތަކުން ރައްކާތެރިވުމަށްހޭލުންތެރި ކުރުމާއެކު, އެކުވެރި މާޙައުލެއްޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ދުވުމެކެވެ.
މި ރޭސް ނުވަތަ ދުވުމުގައި ބައިވެރިވާ ޓީމުތަކަށް އަމާޒުކޮށްގެން ތަމްރީންޕްރޮގްރާމްތައްވެސް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި އިވެންޓުގެމެއިން ސްޕޮންސަރއަކަށް މައިލޯ ހަމަޖައްސާފައިވާ އިރު، ހޯސްޓިންގޕާޓްނަރއަކީ އެޗްޑީސީ އެވެ.
ކުރީގެ ޚަބަރުގެ ލިޔުމުގެ ލިންކް:
މައިލޯ ފައިވްކޭ ގެ ނަމުގައި ދުވުމެއް ބާއްވަނީ