އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިވިއު- ލޯބީގެ އޮޅުންބޮޅުން ގަނޑެއް އަރައިގެންދާ

ރިވިއު- ލޯބީގެ އޮޅުންބޮޅުން ގަނޑެއް އަރައިގެންދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 46 ސިކުންތު

"މީ ޕްރޮޑަކްޝަން" ގެ އުފެއްދުމެއް ކަމަށްވާ ދިވެހި ފިލްމު "ނޭދެން ވަކިވާކަށް" ރޭ އޮލިމްޕަސް ސްކްރީންގައި ޕްރިމިއާރ ކޮށްފައިވާއިރު، މިފިލްމަކީ ލޯބީގެ އެތަކެއް އޮޅުންބޮޅުންގަނޑެއް އަރައިގެންދާ، އެހެން ނަމަވެސް ވަރަށް އަސަރުގަދަ ފިލްމެކެވެ.

ލޯބީގެ ރީތި ވާހަކައަކަށް ހަދާފައިވާ މިފިލްމު ޕްރިމިއާ ކޮށްދެއްވީ، ދިވެހި ފިލްމީ ދާއިރާއަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްކަމަށްވާ މުޙައްމަދު އަސްލަމް އެވެ.

ޕްލޮޓް (ސްޕޮއިލ ނުލާ)

ކުރިންވެސް ބުނެވުނު ފަދައިން މިއީ ލޯބީގެ ވާހަކައެކެވެ. ހަޔާތުގައި އެކިއެކި ކަންތައްތަކެއް ދިމާވެފައިވާ އަންހެން ކުއްޖެއްގެ ޙަޔާތަށް އޭނާ ހީވެސް ނުކުރާފަދަ ބޮޑު ބަދަލެއް އައިނަމަވެސް، ވަރަށް ހިތްވަރު ގަދަކަން މިފިލްމުން ދައްކުވައިދެއެވެ. އަދި ހަމަ މިފަދަ ހިތްދަތި މަންޒަރުތަކެއް ލޯކުރިމަތިން ފެންނަމުން ދިޔަ ނަމަވެސް އިންތިހާއަށް ކެތްކުރި ފިރިހެން ކުއްޖެއްގެ ވާހަކަވެސް މިފިލްމުގައި ދައްކުވާ ދީފައިވެއެވެ.



ކާސްޓުން

ޖާދުﷲ އިސްމާއިލް (ޖާދު)- ނިޒާމް
ފާތުމަތު އާޒިފާ (އަޒޫ)- ޒީނާ
ޔޫސުފް ޝާފީއު (ޔޫއްޕެ) - ޝިހާން
އަޙުމަދު ސައީދު (ސައީދު) - އިމްތިޔާޒް
އާރިފާ އިބްރާހިމް- ޝިހާން އަދި ނިޒާމް ގެ މަންމަ
ހަބިއްތަ- ހަބިއްތަ (ޒީނާގެ މަންމަ)

މިފިލްމުގެ ކާސްޓުންގެ ތެރޭގައި، ލީޑް ރޯލުން ފެނިގެންދަނީ ޖާދު، އަޒޫ، ޔޫއްޕެ އަދި ސައީދު އެވެ. ދެން އެންމެ ފާހަގަ ކޮށްލެވޭ ރޯލަކުން ފެނިގެންދަނީ މަންމަގެ ރޯލު އަދާކުރާ އާރިފާ އިބްރާހިމް އާއި މަންމައެއްގެ ރޯލު ފުރަތަމަ ފަހަރަށް އަދާ ކުރާ، ތޮއްޑޫ ރައްޔިތެއް ކަމަށްވާ ހަބިއްތައެވެ.



ޖާދުގެ އެކްޓިންގ އާއިމެދު އެއްޗެއް ބުނާނަމަ ބުނެވޭނީ، އޭނާގެ ފުރަތަމަ ފީޗަރ ފިލްމާއި އަޅާބަލާފައި މިފިލްމުގައި އޭނާ ދައްކުވާ ދީފައިވާ އެކްޓިންގ ވަރަށް ފުރިހަމަވެފައި ހުނަރުވެރިއެވެ. ކޮސްޓިއުމް ޑިޒައިން ކުރުމާއި، މޭކަޕް ކުރުން އަދި ކޮރިއޮގްރާފީގައި އޭނާގެ ހުނަރު ވަރަށް ފުރިހަމައަށް ފެންނަން ހުރި އިރު، އެކްޓް ކުރުމުގައިވެސް އޭނާއަކީ ކުޅަދާނަ ފަންނާނެއްކަން މިފިލްމުން ޖާދު ހާމަކޮށްދީފައިވެއެވެ. އެއީ ހެއްވާ މަޖާ މަންޒަރެއް ކަމުގައިވިޔަސް، އަދި ހިތާމައިން ފުރިގެންވާ ހިތްދަތި މަންޒަރެއް ކަމުގައި ވިޔަސް، ޖާދު އެމަންޒަރެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބެލުންތެރިންނަށް މިފިލްމުން ހުށަހަޅާދީފައިވެއެވެ.

ދެން މިއޮތީ ފިލްމުގައި ލީޑް އެކްޓްރެސް އެއްގެ ރޯލު ކުޅެދީފައިވާ އަޒޫގެ ވާހަކައެވެ. އަޒޫ އަކީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި ކުޅަދާނަ އެކްޓްރެސުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ވާދަ ކުރާ އެއް ފަންނާނޭ ބުންޏަސް ދޮގެއް ނުވާނެއެވެ. ޤައުމީ ފިލްމްފެއާރ އެވޯޑްސް އިން މިދިޔަ އަހަރު އެންމެ މޮޅު އަންހެން ސައިޑް އެކްޓްރެސް ގެ މަޤާމް ޙާސިލްކޮށްފައިވާ އަޒޫ، މިފިލްމުގައި ވެސް ދައްކުވާދީފައިވަނީ އެހާމެ ފުރިހަމަ އަދި ހަމަ އެހާމެ އަސަރުގަދަ އެކްޓިންގ އެކެވެ.

މިފިލްމުގައި ދެން އެންމެ އިސް ރޯލެއް ކުޅެފައިވަނީ އެފަދަ ދެވަނައެއް ނުވާ ޔޫއްޕެ އެވެ. މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ފިރިހެން އެކްޓަރުންގެ ތެރެއިން، އެންމެ ތަޖުރިބާކާރު އެއް ފަންނާނަކީ ޔޫއްޕެއެވެ. އޭނާ އެކްޓުކުރާ ކޮންމެ ފިލްމެއްގައިވެސް، ތަފާތު ރޯލުތަކެއް އަދާކޮށް، ވަރަށް ފުރިހަމަ އެކްޓިންގ އެއް ކޮންމެ ރޯލަކުން ވެސް ދައްކުވާދެއެވެ. މިފިލްމުން ވެސް ޔޫއްޕެ ދައްކުވާ ދީފައިވަނީ ހަމަ އެފަދަ ތަފާތު ރޯލެކެވެ. ބައެއް މަންޒަރުތަކުން ބެލުންތެރިންގެ ހިތްފަޅައިގެންދާ ވަރު ވިޔަސް، ފިލްމުގައި ޔޫއްޕެއަށް ލިބިފައިވާ ރޯލު އޭގެ އެންމެ ފުރިހަމައަށް އަދާކޮށްފައިވާކަން އުފަލާއެކު ފާހަގަ ކުރެވެއެވެ.

ސައީދަކީ "ނޭދެން ވަކިވާކަށް" މިފިލްމުގެ "ކޮންޓްރޯލަރ" އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފިލްމުގައި އޭނާ އަދާކޮށްފައިވަނީ ކޮން ރޯލެއްކަން ކުޑަކޮށްވެސް ބުނެދީފިނަމަ، ފިލްމުގެ ކުރިމެރުނީއެވެ. އެހެންކަމުން ހަމައެކަނި ބުނާނީ، އިމްތިޔާޒް ގެ ރޯލު މިފިލްމުގައި ސައީދު ނޫން އެހެން ފަރާތަކަށް އެހާމެ ފުރިހަމައަށް ކުޅެދެވޭނެހެން ހީނުވާ ކަމަށެވެ. އެހާވެސް ފުރިހަމައެވެ.



ފިލްމުގައި މަންމައިގެ ރޯލު އަދާކޮށްދީފައިވާ އާރިފާ އާއި ހަބިއްތަ އަށް ވެސް ސަނާ ކިޔާވަރު ވެއެވެ. މުޅިން އަލަށް މަންމައެއްގެ ރޯލު އަދާކުރި ހަބިއްތަގެ އެކްޓިންގ ފެނުމުން، އަލަށް ކުޅެފައިވާ ރޯލެއްހެން ހީވެސް ނުވެއެވެ، އާރިފާއަކީ ދިވެހި ފިލްމީ ދާއިރާއަށް، ޚާއްސަކޮށް މައެއްގެ ރޯލުއަދާ ކުރުމަށް އައު މޫނެއް ނޫނެވެ. އެއީ ޒީލަގަދަ ރުންކުރު މައަކަށް ވިޔަސް، ނުވަތަ އޯގާތެރި، ދަރިން ދެކެ ވަރަށް ވެސް ލޯބިވާ މައެއްގެ ރޯލުވިޔަސް، އާރިފާ އަބަދުވެސް އެރޯލެއް އޭގެ އެންމެ ފުރިހަމައަށް އަދާކޮށްދީފައިވެއެވެ. މިފިލްމުގައި އާރިފާ އަދާކޮށްފައިވަނީ ކޮންކަހަލަ މައެއްގެ ރޯލެއްކަން ބުނާކަށް އަޅުގަނޑު ނެތީމެވެ. ހަމައެކަނި ބުނާނީ، މިފިލްމުގައި އާރިފާގެ އެކްޓިންގ ވެސް އެހާމެ ފުރިހަމަ ކަމެވެ.
"ނޭދެން ވަކިވާކަށް" ފިލްމުގައި މިތަރިންގެ އިތުރުން، ނާޝިދާ މުޙައްމަދު (ނާއްކޮ)، އަޙުމަދު އަޒްމީލް (އަޒޭ)، އިބްރާހިމް ރިޔާޒް އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ގެ އިތުރުން ތޮއްޑޫ ރައްޔިތެއް ކަމަށްވާ ޒޯޔާ އަދި ވެސް ހިމެނެއެވެ.

ފިލްމުގެ ލަވަތަށް ކިޔާދީފައިވަނީ މުޙައްމަދު އަބްދުއްޤަނީ (ތޭރަވާ)، މަރިޔަމް އަޝްފާ، ރާފިއަތު ރަމީޒާ އަދި މުމްތާޒް މޫސާ އެވެ. ފިލްމުގައި މުޅިއަކު ހަތަރު ލަވަ ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ