އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 19 މިނެޓް, 43 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
އަވަހާރަވުން:
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޚާންދާނުގެ މީސްތަކުން ޝިޢުބުގައި ގާތްގަނޑަކަށް ތިން އަހަރު ހޭދަކުރިއެވެ. އިޖްތިމާއީ އެކަހެރިކަމެއްގައި އުޅުމަށްފަހު އެނބުރި މައްކާގައި އިހުވެސް އުޅުނު ފަދައިން އުޅެމުން ގެންދަވަނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ބޮޑު ދެވާގިވެރިން ކަމުގައި ހިމެނިވަޑައިގެންނެވި އެކަލޭގެފާނުގެ އަނބިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها އާއި ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނު އަވަހާރަވެއްޖެއެވެ. އިބްނު ކަޘީރު ލިޔުއްވައިފައިވާ ގޮތުގައި، خديجة ގެފާނު އަވަހާރަވީ އަބޫޠާލިބުގެފާނު އަވަހާރަވިތާ ތިން ދުވަސްފަހުންނެވެ. ނަމަވެސް ބައެއް މުއައްރިޚުން ތަފާތު ދުވަސްތައް ދެއްވައިފައިވެއެވެ. ނަމަވެސް ކަށަވަރުވާކަމަކީ، އަބޫޠާލިބުގެފާނާއި، خديجة ގެފާނު އަވަހާރަވީ ނުހަނު ގާތުގައިކަމެވެ. خديجة ގެފާނު އަވަހާރަވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަބީކަމުން ފޮނުއްވުނުތާ ދިހަވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައެވެ.
أمّ المؤمنين السّيدة خديجة رضى الله عنها އަވަހާރަވީއިރު އަދި ފަރުޟު ފަސްނަމާދު އިސްލާމުންގެ މައްޗަށް ފަރުޟެއް ނުކުރައްވައެވެ. خديجة ގެފާނު ފަސްދާނުވެޑުވިފައިވަނީ މައްކާގެ ޙަޖޫންއޭ ކިޔުނު ޤަބުރުސްތާނުގައެވެ. އެކަމަނާގެ މާތް ހަށިކޮޅު ޤަބުރުފުޅުގައި ވެޑުވީ ޚުދު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި ދެ އަތްޕުޅުންނެވެ. خديجة ގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ حَكِيم بن حِزَام ވެސް އެކަމަނާގެ ކަށުކަމާކެމީގެ ކަންތައްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަބޫޠާލިބުގެފާނާއި، السّيدة خديجة رضى الله عنها އަވަހާރަވި އަހަރު އިސްލާމީ ތާރީޚުގެ ޞަފްޙާތަކުގައި ފާގަކޮށްފައިވަނީ ހިތާމައިގެ އަހަރުގެ ގޮތުގައެވެ. އެދެބޭފުޅުންގެ ވަކިވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ބަރުދާސްތު ކުރައްވަން ދަތިފުޅު އުނދަގޫފުޅުތަކެއް ލިބިވަޑައިގެންނެވުމުނެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ދަތިޙާލުކޮޅުގައި އެހީތެރިވެވަޑައިގެންނެވި ދެބޭފުޅުން އަވަހާރަވުމުގެ ސަބަބުންނެވެ. އެދެބޭފުޅުންނަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ މުޝްރިކުންގެ އަނިޔާވެރިކަމަށް ދިމާއަށް ހުށައެޅިފައެވެ. މުޝްރިކުންވެސް ދުވަހެއް ދުވަހަކަށް ގެންދިޔައީ އެކަލޭގެފާނަށް ދެކޮޅުވެރިވަމުންނެވެ.
ޚަދީޖަތުގެފާނުގެ މާތްކަން:
މާތް ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيدة خديجة رضى الله عنها ކާވެނިފުޅު ބައްލަވައިގެން 25 އަހަރު ދުވަސް ހޭދަކުރެއްވިއެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މާތް ރަސޫލާ އެހެން މީހެއް އެހީތެރިކަމަށް އެންމެ ބޭނުންފުޅުވި ދުވަހު އެކަމަނާ އެކަލޭގެފާނުގެ ގާތުގައި ހުންނެވިއެވެ. އެކަލޭގެފާނުގެ ޙައްޤުގައި، އެކަމަނާގެ މުދާތައް ހޭދަކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަބަދުވެސް أمّ المؤمنين السّيدة خديجة رضى الله عنها ގެ އިޙްސާންތެރިކަން ހަނދުމަފުޅު ބަހައްޓަވައެވެ. އެކަމަނާ އަވަހާރަވެދިޔުމަށްފަހުވެސް، އެކަމަނާގެ ވާހަކަފުޅު ގިނަގިނައިން ދައްކަވާ ހައްދަވައެވެ. އެކަމަނާއަށް ތާރީފުގެ ބަސްފުޅުތައް ވިދާޅުވެ ހައްދަވައެވެ.
أمّ المؤمنين السّيدة عائِشة رضى الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيدة خديجة رضى الله عنها ގެ ވާހަކަފުޅު ދައްކަވައި، އެކަމަނާއަށް ތާރީފުގެ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވިއެވެ. އެކަމުގެ ސަބަބުން السّيدة عائِشة رضى الله عنها ގެ ހިތްޕުޅަށް ޣީރަތްތެރިކަން ވަދެގެންދިޔައެވެ. އެޔާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ.
[ކަލޭގެފާނު އަބަދު އެ މުސްކުޅި އަންހެނާގެ ވާހަކަދައްކަވައި، ތާރީފުކުރައްވަނީ ކީއްވެގެންތޯއެވެ؟ އެކަމަނާއަކީ، އެހާ ރީތިފުޅު ބޭކަނބަލެއްވެސް ނޫނެއްނޫންތޯއެވެ؟ އެކަމަނާއަށް ވުރެ މާ ރީތި އަނބިއަނބިކަނބަލުން ކަލޭގެފާނަށް ލިބިވަޑައިގެންފައިވޭނޫންތޯއެވެ؟]
أمّ المؤمنين السّيدة عائِشة رضى الله عنها ގެ މި ޝަކުވާ ބަސްފުޅަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ޖަވާބު ދެއްވަމުން ވިދާޅުވެފައިވެއެވެ. [އެކަމަނާފަދަ އެހެން އަނބިކަނބަލަކު ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފައެއް ނެތެވެ. މީސްތަކުން ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ޝައްކުކުރަމުން ގެންދިޔައިރު، އެކަމަނާ ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ހެކިވެވަޑައިގެންނެވިއެވެ. އީމާންވެވަޑައިގެންނެވިއެވެ. އެކަމަނާގެ މުދާ ތިމަންކަލޭގެފާނަށްޓަކައި ހޭދަކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ދަރީން ލިބިވަޑައިގަތީ އެކަމަނާގެ ފަރާތްޕުޅުންނެވެ.]
ބައެއް މުއައްރިޚުން ލިޔުއްވައިފައިވާ ގޮތުގައި، أمّ المؤمنين السّيدة عائِشة رضى الله عنها ކުރިން ދެންނެވުނު ފަދައިން السّيدة خديجة رضى الله عنها އާމެދު ވާހަކަފުޅު ދެއްކެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ކޯފާއިސް ކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅުން މިކަން ފާހަގަކުރެއްވުނު ހިނދު السّيدة عائِشة رضى الله عنها އެކަމަށް މާފުއެދިވަޑައިގެން ދެން ދުވަހަކުވެސް خديجة رضى الله عنها ގެ ވާހަކަފުޅު ރަނގަޅުގޮތުގައި މެނުވީ ނުދައްކަވާނެކަމަށް މާތް ރަސޫލާގެ އަރިހުގައި ވަޢުދުވެވަޑައިގެންނެވިއެވެ.
އަދިވެސް أمّ المؤمنين السّيدة عائِشة رضى الله عنها ގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. އެއްފަހަރަކު السّيدة خديجة رضى الله عنها ގެ އުޚުތު هَالَةُ بنت خُوَيْلِد މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެން ދޮރުކޮޅުގައި ޓަކިޖެއްސެވިއެވެ. އެތެރެއަށް ވަޑައިގެންނެވުމުގެ އިޒުނައަށް އެދިވަޑައިގެންނެވިއެވެ. هَالَةُ بنت خُوَيْلِد އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން السّيدة زينب رضى الله عنها ގެ ފިރިކަލުން أبو العاص بن الرّبيع ގެ މައިކަނބަލުން ވެސްމެއެވެ. هَالَةُ بنت خُوَيْلِد ދޮރުކޮޅު ކައިރީގައި ހުންނަވައި ސަލާމް ވިދާޅުވި ގޮތުން މާތް ރަސޫލާއަށް السّيدة خديجة رضى الله عنها ގެ ހަނދުމަފުޅު އައުވިއެވެ. އެކަލޭގެފާނު هَالَةُ بنت خُوَيْلِد އެތެރެއަށް ވައްދަވައި އެކަމަނާއާ މެދު ވަރަށް ހެޔޮފުޅުކޮށް ކަންތައް ކުރެއްވިއެވެ.
أمّ المؤمنين السّيدة خديجة رضى الله عنها އަވަހާރަވިތާ އެތައް ދުވަހެއްފަހުންވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އެކުވެރި ރަހުމަތްތެރިނަށްވެސް ހެޔޮފުޅުކޮށް ހިއްތަވައި ގާތްގުޅުމެއް ބޭއްވެވިއެވެ. އެކަލޭގެފާނު ބަކަރިއެއް ކަތިލައްވައިފިނަމަ، އޭގެ މަސް أمّ المؤمنين السّيدة خديجة رضى الله عنها ގެ ގާތް އެކުވެރިނަށް ފޮނުއްވައި ހައްދަވަނީ މަދެއްކޮށެއް ނޫނެވެ.
ބަދުރު ހަނގުރާމައިގައި ހައްޔަރުވި އަސީރުންގެ ތެރޭގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަނބިދަރިކަލުން أبو العاص بن الرّبيع ވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ފިދުޔައެއް ކަމުގައި، އެކަލޭގެފާނުގެ އަނބިކަނބަލުން زينب بنت رسول الله صلّى اللّـه عليه وسلّم ފޮނުއްވީ ވަރަށް ރީތީ ހާރުކޮޅެކެވެ. އެ ހާރުކޮޅަކީ އެކަމަނާގެ ކާވެނިފުޅުގެ ރޭ މައިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها ތުރުކޮށް ދެއްވި ހާރުކޮޅެކެވެ. މި ހާރުކޮޅު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު މާތް ހިތްޕުޅުގައި މާޒީގެ ޞަފްހާތަކެއް ހުޅުވައިލެވުނެވެ. ކުއްލިއަކަށް خديجة ގެފާނުގެ ހަނދާންފުޅު އައުވިއެވެ. ހިތްޕުޅަށް ވީގޮތަކުން ލޯފޮދުން ކަރުނަފޮދު އޮހިގެންދިޔައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަޙާބީބޭކަލުންނާ މުޚާޠަބުކުރައްވައި، އެ ހާރުކޮޅާއެކު أبو العاص بن الرّبيع ދޫކޮށްލުމަށް ރުހޭނަމަ އެކަން ކުރެއްވުމަށް އެންގެވިއެވެ. ޞަޙާބީން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިދެންނެވި ދެންނެވުމަށް އެއްވެސް އިޢުތިރާޟެއް ނެތްކަމަށް ވިދާޅުވެ އެކަންތައް ކުރެއްވިއެވެ. {އިބްނު ހިޝާމް، ސިޔަރަތު، ދެވަނަ ޖިލްދު، ޞަފްޙާ 653}
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި أمّ المؤمنين السّيدة خديجة رضى الله عنها ހޭދަކުރެއްވި 25 އަހަރުދުވަހުގެ ތެރޭގައި، އެކަލޭގެފާނު އެހެން އެއްވެސް ބޭކަނބަލަކާ ކާވެނިފުޅެއް ނުބައްލަވައެވެ. އެހެން ބޭފުޅުންނާ ކާވެނިފުޅު ބެއްލެވީ އެކަމަނާ އަވަހާރަވުމަށް ފަހުގައެވެ. (މުސްލިމު، ޞަޙީޙު މުސްލިމު، 2436) އެއީވެސް އެކަމަނާ ފިޔަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެއްވެސް އަނބިކަނބަލަކަށް ލިބިވަޑައިގެންފައިވާ ޝަރަފެއްނޫނެވެ.
އެއްފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. [ފިރިހެނުންގެ ތެރެއިން ވަރަށް ގިނަ މީހުން އެންމެ ފުރިހަމަ ދަރަޖައަށް ވާސިލުވެފައިވެއެވެ. ނަމަވެސް އަންހެނުންގެ ތެރެއިން އެ ދަރަޖައަށް ވާސިލުވެނުނީ އެންމެ ތިން ބޭކަނބަލުންނަށެވެ. އެއީ ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނާއި، ޢީސާގެފާނުގެ މައިކަނބަލުން މަރްޔަމްގެފާނާއި، ޚުވައިލިދުގެ ދަރިކަނބަލުން ޚަދީޖަތުގެފާނަށެވެ. އެހެން އަންހެނުންގެ މައްޗަށް ޢާއިޝަތުގެފާނަށް ލިބިވަޑައިގެންފައިވަނީ އެހެން ކާތަކެތީގެ މައްޗަށް ޘަރީދަށް ލިބިފައިވާ މަޤާމެވެ.] {މުސްލިމު، ޞަޙީހު މުސްލިމު، ޙަދީޘް ނަންބަރު 2431}
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.
Advertisement
15 މާޗް 2025