ހުކުރު ހަދިޔާ!: އީމާންކަމުން ހިތް ޒީނަތްތެރިކޮށްދެއްވަވައި އުރެދުމަށް ނަފްރަތުކުރާ މީހަކުކަމުގަ ލެއްވެވުން އެދި މިފަދައިން ދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހުކުރު ހަދިޔާ!: އީމާންކަމުން ހިތް ޒީނަތްތެރިކޮށްދެއްވަވައި އުރެދުމަށް ނަފްރަތުކުރާ މީހަކުކަމުގަ ލެއްވެވުން އެދި މިފަދައިން ދުޢާ ކުރައްވާ!

މިއަދަކީ ވެސް ހުކުރު ދުވަހެކެވެ! ކުރިއަށް މިދަނީ ގިނަގިނައިން ދުޢާކުރަންވީ ވަގުތުތަކެވެ. އެވަގުތެއްގައި ދުޢާ ކުރެވިއްޖެ ނަމަ ދުޢާ ޢިޖާބަކޮށް ދެއްވަވާނެ ކަމުގެ ޔަޤީންކަން ލިބިގެންވާ ވަގުތުކޮޅެއް ހުކުރު ދުވަހުގައިވެއެވެ. 

އެއީ ކޮން ވަގުތެއްކަން ޔަޤީންކުރަން ނުއެނގުނު ނަމަވެސް ހުކުރު ދުވަހުގައި އެވަގުތުކޮޅުވެއެވެ. ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ އެއީ ޢަޞްރު ވަގުތާއި އިރުއޮއްސުމާއި ދެމެދުގައިވާ ވަގުތުކޮޅެއް ކަމުގައި ވެދާނެ ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ! 

މި ދުޢާއަކީ ތިމާގެ ހިތް އީމާންކަމުން ޒީނަތްތެރިކޮށްދެއްވެވުން އެދިގެންނާއި އެންމެހައި ނުބައި ޢަމަލުތަކަށް ނަފްރަތުކުރާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި ކުރަން އޮތް ދުޢާއެކެވެ! 

"ޔާ ﷲ! އަޅަމެންގެ ހިތްތަކަށް އީމާންކަން ލޮބުވެތި ކުރައްވަވައިފާނދޭވެ! އަދި އީމާންކަމަކީ އަޅަމެންގެ ހިތްތަކަށް ޒީނަތްތެރި އެއްޗެއް ކަމުގައި ލައްވަވައިފާނދޭވެ! އަދި ކާފިރުކަމާއި ފާސިޤްކަމާއި އުރެދުމަކީ އަޅަމެންގެ ހިތްތައް އެންމެ ނަފްރަތުކުރާ ކަންކަން ކަމުގައި ލައްވަވައިފާނދޭވެ! އަދި ތެދުމަގު ދައްކާ މީހުންގެ ތެރެއިން އަޅަމެން ލައްވަވައިފާނދޭވެ!"

- މައްލޫމާތު: ޑރ. މުޙައްމަދު އިޔާމް ޢަބްދުއްލަޠީފް، ޝައިޚް އިބްރާހީމް ފަރީދު

މިއަދު އޮންލައިން