އަޟްޙާ ޢީދު ދުވަހު މިނާގައި ހިނގައި ދިއަ ހިތާމަވެރި ހާދިސާގައި މަރުވި ޙައްޖުވެރިން މައްކާގެ 6 ސަހަރާއެއްގައި ވަޅުލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސައުދިއަރަބިޔާ އިން ބުނެފިއެވެ.
ސައުދިއަރަބިޔާއިން ބުނީ ހަށިތައް ވަޅުލާނީ ޢާއިލާތަކުން އެކަމަށް އެދޭނަމަ ކަމަށާއި ހަށިތައް ބޭނުންވާ ޢާއިލާތަކަށް ހަށިތައް ފޮނުވައި ދިނުމުގެ އިންތިޒާމުތައް ސައުދީ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
ސައުދީ ސަރުކާރުން ބުނެފައިވަނީ ޢާއިލާތަކުން ބޭނުންވާނަމަ ޖަނާޒާގެ ކަންކަން އެންމެ ފުރިހަމައަށް ކޮށްދޭނެ ކަމަށެވެ.
މިހާދިސާ ހިނގިތާ 4 ދުވަސްވެފައިވާއިރު އަދިވެސް ވީގޮތެއް ނުއެނގޭ އެތައް ބައަކު އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރޭގައި ސައުދީ ރައްޔިތުންނާއި ބޭރު ޤައުމުތަކުން ހައްޖުވުމަށް ދިއަ މީހުންވެސް ހިމެނެއެވެ.
ސައުދީގެ ކަންކޮޅުތަކުން ގިނަ ބައަކު މައްކާއަށް ޖަމާވެ އެމީހުންގެ ޢާއިލީންނާއި ގާތް މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބޭރު ޤައުމުތަކުގެ އޮފިޝަލުންވެސް ގެންދަނީ އެޤައުމުތަކުގެ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ބައެއް މީހުން ބުނަނީ މަރުވި މީހުންގެ ފޮޓޯތައް ހާމަކޮށްފައިވާއިރު އެއިގެ ތެރޭގައި އެމީހުންގެ މީހުންގެ ފޮޓޯ ނުހިމެނޭތީ ކަންބޮޑުވާ ކަމަށެވެ. "މަރުވީކަމެއް ނުއެނގޭ. ވީގޮތެއް ނުއެނގޭ. މިއީ އެންމެ ބޮޑު މައްސަލައަކީ."
މިފަދަ ކަންބޮޑުވުންތައް ހުރިއިރު މަރުވި ބައެއް ހައްޖުވެރިންގެ އަތުގައި އަޅަންޖެހޭ އެއީ ކާކުކަން އަންގައިދޭ އުޅާ" ނެތުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.