އަނބި ޝާހީނާ ފެނުނީ ﷲގެ ޙަޟްރަތުން އުންމީދު ކަނޑައިނުލީތީ މުޢުޖިޒާތަކުން: އިމްތިޔާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
އަނބި ޝާހީނާ ފެނުނީ ﷲގެ ޙަޟްރަތުން އުންމީދު ކަނޑައިނުލީތީ މުޢުޖިޒާތަކުން: އިމްތިޔާޒް
އިމްތިޔާޒް ޕަލަންޕުރީ އަކީ އިންޑިއާގެ އަހްމަދު އާބާދަށް ނިޞްބަތްވާ ރިއަލް ސްޓޭޓް ވިޔަފާރިކުރާ މީހެކެވެ. އިމްތިއާޒް އާއި އޭނާގެ އަންހެނުން ޝާހީނާ މިއަހަރު ހައްޖަށް ދިއައީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ އެ މަތިވެރި ވާޖިބު އަދާކުރުމަށެވެ. ބުރަ މަސައްކަތް ހުއްޓައި އެކަމަށް ވަގުތު ހުސްކޮށްގެންނެވެ.

ކަން ދިމާވިގޮތުން މިނާގެ 204 ނަމްބަރު މަގުގައި ޢީދު ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ދެމީހުންނަށްވެސް އަނިޔާލިބި އެކަކު އަނެކަކަށް ގެއްލުނެވެ.

އިމްތިޔާޒް ގެންދެވުނީ މިނާގެ ހޮސްޕިޓަލަކަށެވެ. ހޭއަރައި ލޯ ހުޅުވައިލެވުމާއިއެކު ފުރަތަމަ ވެސް ސުވާލުކުރީ އަނބި މީހާ ކޮބައިތޯއެވެ. އެއްވެސް ކަމެއް އޮޅުން ފިލާނެ ގޮތެއް ނުވުމުން ޑޮކްޓަރުން ހިފަހައްޓަމުން ދަނިކޮށް ވެސް ލިބިފައިވާ އަނިޔާތަކާއިއެކު ނުކުމެގެން ދިއައީ ހާދިސާ ހިނގި ތަނަށެވެ.

އަނބިމީހާގެ އެއްވެސް ޚަބަރެއް ނުވިއެވެ. ނުފެނުނެވެ. ވީ ގޮތެއްވެސް ނުއެނގުނެވެ. ދެން އަވަސްވެގަތީ ބަލި މީހުން ގެންެދެވުނު ހޮސްޕިޓަލްތައް ބެލުމަށެވެ. އެއްވެސް ހޮސްޕިޓަލަކުންވެސް ނުފެނުނެވެ.

ދެން ދިއައީ މަރުވި މީހުންގެ ހަށިތައް ބެލުމަށެވެ. މަރުވިކަމަށް ބެލެވޭ 1100 މީހުންގެ ފޮޓޯ ބެލިއިރުވެސް އަނބިމީހާގެ ފޮޓޯއެއް ނުފެނުނެވެ.
އިމްތިއާޒު މިހާލުގައި ތެޅިފޮޅެމުންދިއައިރު އިންޑިއާގައި ތިބި ދެފަރާތުގެ ޢާއިލީންގެ ޙާލު ހަމައެހައިމެ ބޮޑެވެ. ސައުދީގައި ތިބި ރައްޓެހިންނަށާއި ގުޅެން ހުރިނަމަ ހުރި ކޮންމެ ފަރާތަކަށް ގުޅަމުން ގެންދެއެވެ. ހުރި އުމުރުން 17 އަހަރުގެ ސައުދު އަށް ޚަބަރު ލިބުމާއިއެކު ކޮޓަރިއަށް ވަންގޮތަށް ކޮޓަރިއަކުން ނުނުކުމެއެވެ.

ޢާއިލާގެ އެކަކު ޓްވިޓަރ އެކައުންޓެއް ބޭނުންކޮށްގެން ހޭޝްޓެގެއް ހެދިއެވެ. ޝާހީނާއަށް ވީގޮތެއް އެނގޭތޯއެވެ. އެކަމުގެތެރެއިން ލިބުނު މައުލޫމާތުން އެނގުނީ ޖިއްދާގެ ހޮސްޕިޓަލެއްގައިވެސް 4 މީހަކު އެބަތިބި ކަމެވެ.

އިމްތިޔާޒް އަވަސްވެގަތީ އެހޮސްޕިޓަލަށް ދިއުމަށެވެ. އީސްޓް ޖިއްދާ ހޮސްޕިޓަލަށް އިމްތިއާޒަށް ދެވުނީ އަންގާރަ ދުވަހު ހަވީރުއެވެ. ގޮސް ބެލިއިރު އެ ހޮސްޕިޓަލުގައި އޮތް 4 މީހުންގެ ތެރެއިން އެކަކީ އޭނާގެ އަނބި ޝާހީނާއެވެ.

ޑޮކްޓަރުން ބުނީ ކޮށްފައިވާ އޮޕަރޭޝަންތަކާއިއެކު ކުރިއަށް އޮތް 48 ގަޑިއިރުގެ ވަގުތުތަކަކީ ޝާހީނާއަށް ވަރަށް ނުރައްކައުތެރި ވަގުތު ތަކެއް ކަމަށެވެ.

ވަގުތުތައް ކިތަންމެ ވަރަކަށް ނުރައްކާ ކަމަށްވީ ނަމަވެސް އިމްތިއާޒަށް އެކަން މިހާރު މައްސަލައަކަށް ނުވެއެވެ. އިމްތިޔާޒް ބުނަނީ އޭނާގެ އަންހެނުން އޭނާއަށް ފެނިއްޖެ ކަަމަށާއި އެހައި ދަތި ހާލުން އޭނާއަށް އޭނާގެ އަނބިމީހާ ދެއްކެވި ﷲ ގެ ހަޟްރަތުން ކުރިއަށް އޮތް ބައާއިމެދު އުންމީދު ކަނޑައި ނުލާނެ ކަމަށެވެ.

އިމްތިޔާޒް އާއި ދެ ފަރާތުގެ ޢާއިލީން ބުނަނީ ޝާހީނާ ފެނުމަކީ އެމީހުންނަށް ﷲ މިންވަރު ކުރެއްވެވި މުޢުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ. ﷲގެ ޙަޟްރަތުން އުންމީދު ކަނޑައިނުލައި ކުރި މަސައްކަތަށް ﷲ ދެއްކެވި މުއުޖިޒާތެއް ކަމަށެވެ. "މީހުން ބުނާނެ މިޒަމާނަކު ﷲ މުޢުޖިޒާތެއް ނުދައްކަވާނެއޭ. މިދެއްކެވީނު. މުޢުޖިޒާތެއް ދެއްކެވީމަ އެއީ މުއުޖިޒާތެއްކަން އެނގޭނީ ވެސް ބަލައިގަންނަން ބޭނުންވާ މީހަކަށް." ކަމުގައި ޢާއިލާގެ މެންބަރަކު ބުނެފައިވެއެވެ.
މިއަދު އޮންލައިން