ސީރިޔާގެ މައްސަލައިގެ ތެރެއަށް ވަދެގަތްކަން އެއީ ރަސިއާ އިން ކުރި އަގު އަދާނުކުރެވޭ ވަރުގެ ބޮޑު ކުށެއް ކަމަށް ތުރުކީގެ ރައީސް ޠައްޔިބް އުރްދްޤާން ވިދާޅުވެއްޖެއެވެ.
ޠައްޔިބް ވިދާޅުވީ ސީރިޔާގެ މައްސަލައިގެ ތެރެއަށް ރަސިއާގެ ސިފައިން ވަދެ ގަނެ ސީރިޔާ ރައްޔިތުންގެ ބޮލަށް ބޮން އަޅަން ފެށުމުގެ އަގު ދައްކަން ރަސިއާއަށް ޖެހޭނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އަގަކަށް ވެގެންދާނެ ކަަމަށެވެ.
ޠައްޔިބް ވިދާޅުވީ ރަސިއާއަކީ ތުރުކީގެ ގާތް ޤައުމެއް ކަމަށާއި ނަމަވެސް ގާތް ފަރާތަކުން ވެސް ކުށެއް ކޮސްފިނަމަ އެކަން ވާނީ ކުށަކަށް ކަމަށެވެ.
ރަސިއާގެ ރައީސް ޕުޓިން ވިދާޅުވީ ރަސިއާ އިން ހަމަލާ ދެމުން ގެންދަނީ އައިއެސްގެ ހަނގުރާމަވެރިންނަށް ކަމަށާއި ސީރިޔާގެ ރައީސް ބަޝާރުލް އަސަދުގެ ވެރިކަން ދިފާއުކޮށްދޭން ރަސިއާ އިން މަސައްކަތް ކުރާނެ ކަމަށެވެ.
މިޞުރުގެ ޚާރިޖީ ވަޒީރު ދާދިފަހުން ވިދާޅުވީ ރަސިއާގެ ހަމަލާތަކުގެ ސަބަބުން ސީރިއާ އިން ޓެރަރިޒަމް ފޮހެލަން މަގުފަހިވާނެ ކަމަށެވެ.
ބަޝާރުލް އަސަދު ވިދާޅުވީ ރަސިއާގެ ހަމަލާތަކުގެ ސަބަބުން ސީރިއާގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށާއި އެކަމުގެ ފައިދާ މުޅި ސަރަހައްދަށްވެސް ކުރާނެ ކަމަށެވެ.
ރަސިއާގެ ހަމަލާތައް ސީރިއާގެ އާންމުންނަށް އަަމާޒުވަމުންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ރަސިއާ އާއި އީރާނުން ބުނަނީ ބަޝާރުލްއަސަދުގެ ވެރިކަން ނިމުމަކަށް ގެންނަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން އުޅެނީ އިޒްރޭލަށް ކަންކަން ފަހިކޮށްދޭ ވެރިކަމެއް ސީރިއާގައި ޤާއިމުކުރުމަށް ކަމަށެވެ.