ދޮގު މައުލޫމާތަކީ ޒަމާނީ ލީތަލް ހަތިޔާރެއް: ސައުދީ އިސްލާމިކް މިނިސްޓްރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދޮގު މައުލޫމާތަކީ ޒަމާނީ ލީތަލް ހަތިޔާރެއް: ސައުދީ އިސްލާމިކް މިނިސްޓްރީ
ދޮގު މައުލޫމާތަކީ ޒަމާނީ ލީތަލް ހަތިޔާރަކަށްވެފައިވާކަމަށް ސައުދީ އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނެފައިވަނީ ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް އެންމެ ގިނައިން ފަތުރަނީ ސޯޝަލް މީޑިއާތަކުގައި ކަމަށާއި އެފަދަ ވާހަކަތަކުގެ ބެލެނިވެރިއަކު ވެސް ނުހުންނަ ކަމަށެވެ.

އެމިނިސްޓްރީން ބުނެފައިވަނީ ފަތުރަމުން ގެންދާ ދޮގު ވާހަކަތަކުގެ ސަބަބުން ފަރުދީ މައްސަލަތަކާއި އާއިލީ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށެވެ. މުޖުތަމައުތަކުގައި ވަރަށް ބޮޑެތި މައްސަލަތައްވެސް އުފެދެމުން އަންނަ ކަމަށެވެ. ކުންފުނިތަކުގެ ވިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ.

އެމިނިސްޓްރީން ބުނެފައި ވަނީ ދޮގު މައުލޫމާތު ފެތުރުން ޢާންމުވެ ބޮޑެތި މައްސަލަތައް ނުކުންނަމުންދާއިރު އެ މައްސަލަތައް ނެރުމަށް ބޭނުންކުރާ އެންމެ އާންމު ވަސީލަތަކީ ސޯޝަލް މީޑިއާ ކަމަށްވާތީ ބެލެނިވެރިއަކު ނުހުންނަ ވާހަކަތަކަށް އެންމެންވެސް ސަމާލުކަން ދޭންޖެހިފައިވާ ކަމަށެވެ.

ދޮގު މައުލޫމާތު ފެތުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރާ މީހުން ހޯދައި ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ﷲއަށް ބިރުވެތިވެ އެފަދަ އަމަލުތަކާއި ދުރުހެލިވުމަށްވެސް އެމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ބައެއް ބޭފުޅުން ވިދާޅުވަނީ ދޮގު މައުލޫމާތު ފަތުރަނީ އެކަމުގެ ހުރި ނުބައިކަން ނުއެނގި ކަމަށާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވަން މަސައްކަތްކުރަންޖެހިފައިވާ ކަމަށެވެ.

ލިޔެގެންވެސް ކުރަހައިގެންވެސް އަދި އެނޫން ގޮތަކުން ނަމަވެސް ދޮގެއް ހަދައިފި ނަމަ އެކުރެވެނީ ﷲ ޙަރާމް ކުރައްވަވާފައިވާ ކަމެއްކަމާއިމެދު މީސްތަކުން ހޭލުންތެރިކުރުވަންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން