މައްކާ އާއި މަދީނާ ގެ ދެ ހަރަމްފުޅު ގުޅުވައިލަދޭ ޙަރަމައިނި ރޭލު ދަތުރު ޓެސްޓްކޮށްފިއެވެ. ގަޑިއަކު 180 ކިލޯ މީޓަރު ބާރުމިނުގައި ދަތުރުކުރާ މިރޭލު ދަތުރުކުރާނީ ޖިއްދާ، މައްކާ، ރާބިޣް އަދި މަދީނާއަށެވެ.
ރޭލު ދަތުރުތައް ޓެސްޓްކުރުމުގެ ގޮތުން ކުރި ޓެސްޓް ދަތުރުގައި ޓްރާންސްޕޯޓް މިނިސްޓަރ ޢަބްދުﷲ އަލް-މުޤްބިލް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެމަނިކުފާނު ވަނީ މިދަތުރުތަކާއިބެހޭ ހުރިހައި ކަންކަން ބައްލަވައި މައުލޫމާތު ހޯއްދަވައިފައެވެ.
ޢަބްދުﷲ ވިދާޅުވީ މަލްޓި ބިލިއަން ރިޔާލަ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ހުރިހައި ކަންކަން ހުންނަން ޖެހޭނީ އެންމެ ފުރިހަމައަށް ކަމަށެވެ. އެގޮތުން އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ދަތުރުތައް ކުރެވެން ޖެހޭނެ ކަމަށާއި ހުރިހައި ކަންކަން ހުންނަން ޖެހޭނީ އެންމެ ފުރިހަމައަށް ކަމަށެވެ.
ޢަބްދުﷲ ވިދާޅުވީ ހަރަމައިނި ރޭލު ދަތުރުތަކަކީ ދެ ހަރަމްފުޅަށް ޒިޔާރަތްކުރާ ﷲގެ މެހްމާނުންނަށް ޚައްޞަ ދަތުރުތަކެއް ކަމަށާއި މިދަތުރުތަކުގެ ސަބަބުން ސައުދީގެ އިޤްޠިޞާދަށްވެސް ފައިދާ ކުރާނެ ކަމަށާއި ދެ ޙަރަމްފުޅަށް ޒިޔާރަތްކުރާ ﷲގެ މެހްމާނުންނަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
މި މަޝްރޫއަކީ ސްޕެއިންގެ ކުންފުންޏަކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެދަށުން ރޭލު ދަތުރުތައް ކުރުމަށް ސްޕެއިންގައި ތަމްރީނު ދެވިފައިވާ ފަރާތްތަކާއި ވަޒީރު ވަނީ ބައްދަލުކުރައްވައި މައުލޫމާތު ހޯއްދަވައިފައެވެ.
ޙަރަމައިނި ރޭލު ދަތުރުތައް ފެށުމުން ދަތުރުތައް އަަވަސްވެގެންދާއިރު މަގުތަކުން ދުއްވަންޖެހޭ ވެހިކަލްތައް މަދުވުމަކީ ވެސް ޢާންމުކޮށް އެންމެންނަށް ލިބިގެންދާނެ ފަސޭހަކަމަކަށްވާނެއެވެ.
ހައްޖާއި އުމުރާ ވުމަށް ބޭރު ޤައުމުތަކުން ދާ މީހުންގެ އިތުރުން ސައުދީ ރައްޔިތުންނަށްވެސް ޙަރަމައިނި ރޭލުގައި ދެ ޙަރަމްފުޅަށް ޒިޔާރަތް ކުރެވޭނެއެވެ.