ސައުދިއަރަބިޔާގައި ވައިން ފުޅިއެއް ގެންގުޅުނު އިނގިރޭސިއަކު ހައްދު ޖެހުމުން ސަލާމަތް ކުރަން އިނގިރޭސި ވިލާތުން މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ސައުދީގެ ތެޔޮ ކުންފުންޏެއްގައި 20 އަހަރު މަސައްކަތްކޮށްފައިވާ އެންޑްރީ ވައިންފުޅިއަކާއިއެކު ފުލުހުން އަތުލައިގަތީ މިދިއަ އަހަރުއެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ ދެ ޙުކުމެކެވެ. އެއީ 350 އެތިފަހަރުން ހައްދު ޖެހުމައި 1 އަހަރު ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކުރި ޙުކުމެވެ.
1 އަހަރުގެ ޖަލު ޙުކުމް މިއަހަރުގެ އޮގަސްޓްމަހަށް ވަނީ ތަންފީޒުކޮށް ނިމިފައެވެ. ނަމަވެސް އަދިވެސް ހައްދު ނުޖަހާތީ އަދިވެސް އޭނާ ހުރީ ޖަލު ބަންދުގައެވެ.
ހައްދު ޖެހުމުން ސަލާމަތްކޮށް އަނބުރައި ޤައުމަށް އޭނާ ފޮނުވަން ސައުދީގައި ހުންނަ އިނގިރޭސި އެމްބަސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސައުދީ ސަރުކާރުން އަދި މިކަމުގައި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ސައުދީ ޤާނޫނު އަސާސީ ބުނާ ގޮތުން އާންމުންނަށް ދައްކައިގެން އޭނާ ހައްދުޖަހަންޖެހޭނެއެވެ. ހައްދުޖެހުން ލަސްވަނީ އެއުމުރުގެ މީހެއްގެ ގައިގައި 350 އެތިފަހަރު ޖަހައިފިނަމަ ކުރިމަތިވެދާނެ މައްސަލަތަކަށްޓަކައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ހައްދު ޖެހުމަކީ ވަލިއްޔުލްއަމުރަށް މަޢާފްކުރެއްވޭނެ މައްސަލައެއް ނޫން ކަމަށް ރައްޔިތުންގެ ގިނަ ބައަކު ދަނީ ބުނަމުންނެވެ.