މެއަރސް ބައްޔާއި ޖަމަލާއި ގުޅުންހުރިކަން އެނގޭކަށް ނެތް: ޑޮކްޓަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މެއަރސް ބައްޔާއި ޖަމަލާއި ގުޅުންހުރިކަން އެނގޭކަށް ނެތް: ޑޮކްޓަރުން
މެއަރސް ބައްޔާއި ޖަމަލާއި އެއްވެސް ގުޅުމެއް ހުރިކަން އަދި މިހައިތަނަށް ކުރެވުނު އެއްވެސް ތަޙްލީލަކުން އެނގެން ނެތުމުން އެބަލި ފެތުރެނީ ޖަމަލުގެ ސަބަބުން ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސައުދީ ޑޮކްޓަރުންގެ ޓީމަކުން ބުނެފިއެވެ.

ރިޔާޛްގެ ކިންގ ސައުދު ޔުނިވަރސިޓީގައި ކުރި ދިރާސާތަކަށްފަހު ޑޮކްޓަރުން ބުނެފައިވަނީ އެޔުނިވަރސިޓީގައި މިކަމަށް ވަރަށް ގިނަ ތަޙްލީލުތައް ކުރެވިފައިވާ ކަމަށާއި އެއްވެސް ތަޙްލީލަކުން މެއަރސް ބަލި ފެތުރެނީ ޖަމަލުގެ ސަބަބުންކަން އެނގެން ނެތް ކަމަށެވެ.

ޑރ. އަލްހައިދަރު ވިދާޅުވީ އެޔުނިވަރސިޓީގައި ގިނައަދަދެއްގެ ޖަމަލުގެ ލޭ ޓެސްޓް ކުރެވިފައިވާ ކަމަށާއި އެއިގެ ތެރެއިން 80 އިންސައްތަ ޖަމަލުގެ ލެއިން ދައްކާފައިވަނީ މެއަރސް ބަލިން ދިފާއުވުމުގެ ބާރު ލޭގައި ހުރި ކަމަށް ކަމަށެވެ. އަދި ދިފާޢީ ބާރު އެންމެ ފުރިހަމައަށް ހުންނަ އެއް ޖަނަވާރަކީ ޖަމަލުކަމަށެވެ.

އަލްހައިދަރު ވިދާޅުވީ ޖަމަލުގެ ލޭގައި ހުންނަ ދިފާޢީ ބާރު ގަދަވުމުގެ ސަބަބުން ޖަމަލުގެ ކިރަކީ އިންސާނުން ބުއިމަށް އެންމެ ރަނގަޅު އެއްބާވަތް ކަމަށެވެ. ޖަމަލުގެ ކިރުގެ ސަބަބުން އިންސާނުންގެ ދިފާޢީ ބާރު ވަރުގަދަވާ ކަމަށެވެ.

ޑރ. އަލްހައިިދަރު ވިދާޅުވީ މެއަރސް ބައްޔާއި ގުޅިގެން މަސައްކަތް ކުރަންވީ ޖަމަލަށް ޖަހާނެ ވެކްސިނެއް ހޯދަން ނޫން ކަމަށާއި މަސައްކަތް ކުރަންވީ އިންސާނުންނަށް ޖަހާނެ ވެކްސިން ހޯދަން ކަމަށެވެ.

ޖަމަލަކީ މުސްލިމުން ވަރަށް އިހްތިރާމްކުރާ ޖަނަވާރެކެވެ. އެހެންކަމުން މެއަރސް ބައްޔާއި ޖަމަލާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ ޖަމަލާއި މުސްލިމުންނާއިމެދު އޮތް ގުޅުން ނައްތައިލުމަށް ފަތުރާ ވާހަކަތަކަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަދު އޮންލައިން