މުސްލިމް ޤައުމުތަކަށް އަމާންކަމެއް ލިބެން އޮތީ ޑްރަގުގެ ވަބާއިން ޤައުމުތައް ސަލާމަތް ކުރެވިގެން ކަމަށް އަރަބި ޤައުމުތަކުގެ މަންދޫބުން ކަނޑައަޅައިފިއެވެ.
މުސްލިމް ޤައުމުތަކުގައި ޑްރަގާއި ޓެރަރިޒަމްގެ އަމަލުތައް އިތުރުވަމުންދާތީ ގިނަ އަދަދެއްގެ މުސްލިމް ޤައުމުތަކުގެ ތަޖުރިބާކާރު 80 މަންދޫބުން ބައިވެރިވެގެން ސައުދި އަރަބިޔާގައި ކުރިއަށް ގެންދިއަ ބައްދަލުވުމުގައި ބައެއް ބޭފުޅުން ވިދާޅުވީ ޑްރަގާއި ޓެރަރިޒަމަކީ ފައިސާ ފޮތްޗެއްގެ ދެފުށް ފަދަ ކަމެއް ކަމަށެވެ.
ނާއިފް އަރަބް ޔުނިވަރސިޓީގެ ޕްރޮފެސަރުން އިސްނަގައިގެން ކުރިއަށް ގެންދިއަ މަހާސިންތާގެ ބައިވެރިން ވިދާޅުވެފައިވަނީ ޑްރަގަކީ ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށާއި މުސްލިމް ޤައުމުތަކަށް މި މައްސަލަ ބޮޑުވަނީ މުސްލިމް ޤައުމުތަކުގައި ޑްރަގް ފަތުރަން ގިނަ ފަރާތްތަކަކުން މަސައްކަތް ކުރާތީ ކަމަށެވެ.
މަންދޫބުން ފާހަގަ ކުރެއްވި ގޮތުގައި މުސްލިމް ޤައުމުތަކުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ހުއްޓުވެން އޮތް ގޮތަކުން މަސްތުވާތަކެތި ހުއްޓުވުމަށް ކަމަށެވެ.
މަސްތުވާތަކެތި ފަތުރައި އެކަމުން ފައިދާ ހޯދަމުންދާ ބޮޑެތި ފަރާތްތައް ތިބެނީ ވަރަށް އުހުގައި ކަމަށާއި އެފަރާތްތައް އަތުލައިގަތުމަކީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫންކަންވެސް މަންދޫބުން ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖައްސުވަމުން ގެންދާ ކަމަމާއި އެފަދަ ކަންކަން އެކުރަނީ އިންސާނިއްޔަތުގެ ދުޝްމިނުން ކަމަށް ބަލައި ހުރިހައި ޤައުމުތަކުންވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް އެންމެ ހަރުކަށި އަދަބު ދިނުމުގެ މުހިންމުކަން ވެސް މަންދޫބުން ވަނީ ފާހަގަ ކުރައްވައިފައެވެ.