އެމެރިކާއިން މަސްޖިދުލްއަޤްޞާގެ މައްސަލައިގައި ހައްލު ބޭނުންވާ ކަމަށާއި ނަމަވެސް މައްސަލަ ހައްލުކުރުމަށް މަސްޖިދުލްއަޤްޞާގައި ކަންކަން ހިނގާގޮތް ބެލުމަށް ބައިނަލްއަޤްވާމީ އޮބްޒަރވަރުން ބައިތިއްބުމާއި ދެކޮޅު ކަމަށް އެމެރިކާއިން ބުނެފިއެވެ.
މިކަން ހާމަކުރީ މިހާރު ޔޫރަޕަށް ދަތުރުކުރަމުން ގެންދާ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީއެވެ.
ޖޯން ކެރީ ބުނީ އޭނާގެ މިދަތުރުގައި އިޒްރޭލުގެ ބޮޑުވަޒީރާއި އަދި ފަލަސްޠީނުގެ ރައީސް އާއި ބައްދަލުކުރާނެ ކަމަށެވެ. އަދި އުރުދުންގެ ރަސްގެފާނާއިވެސް ބައްދަލުކުރާނެ ކަމަށެވެ.<
ނަތަޔާންހޫ އާއި ޖަރުމަނުގައި ބައްދަލުކުރަން ހަމެޖެހިފައިވާއިރު މަޙްމޫދު ޢައްބާސް އަދި ޢަބްދުﷲ ރަސްގެފާނާއި ބައްދަލުކުރަން ހަަމަޖެހިފައިވަނީ އުރުދުންގައެވެ.
މަސްޖިދުލްއަޤްޞާގެ މައްސަލަ ހައްލަކަށް ގެނައުމަށްޓަކައި އެތަނުގައި ކަންކަން ހިނގާ ގޮތް ބައިނަލްއަޤްވާމީ އޮބްޒަރވަރުން ބައިތިއްބަން ހުށަހެޅި ފަރަންސޭސި ވިލާތުންނެވެ. ނަމަވެސް އެކަން ކޮށްފިނަމަ ހައްދުފަހަނައަލައިފައިވާ ޔަހޫދީންގެ އަނިޔާވެރިކަން ދުނިޔެއަށް ފަޅައިއަރާނެތީ އިޒްރޭލުން ގެންދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އެމެރިކާއިން ގެންދަނީ މިކަމުގައި އިޒްރޭލަށް ވާގިވެރިވަމުންނެވެ.
މިހާރު އުފެދިފައިވާ އެންމެ ބޮޑު މައްސަލަަކީ މަސްޖިދުލްއަޤްޞާގެ ސަރަހައްދަށް ޔަހޫދީން ވެއްދުމެވެ. ހިނައި ތާހިރު ނުވާ، މުސްލިމުން ނޫން ބައަކު މަސްޖިދުލްއަޤްޞާގެ ސަރަހައްދަށް ވަނުމަކީ މުސްލިމުން ބަލައިގަންނަ ކަމެއް ނޫނެވެ. ނަމަވެސް އިޒްރޭލުން ބުނަނީ ޔަހޫދީން މަސްޖިދުލްއަޤްޞާގެ ސަރަހައްދަށް ވައްދާނެ ކަމަށެވެ. ވެއްދި ނަމަވެސް އެތަނުގައި އަޅުކަން ނުކުރާނެ ކަމަށެވެ.
މިކަމަކީ މުސްލިމުން ބަލައިގަންނަން ތިބި ކަމެއް ނޫނެވެ. މުސްލިމުންގެ 3 ވަނަ އަށް އެންމެ މުޤައްދިސް ބިނާގެ ހުރުމަތް ކެނޑުމަކަށް މުސްލިމުން ބޭނުމެއް ނުވެއެވެ.
އިޒްރޭލުގެ މިނިންމުމަކީ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކާއި ޚިލާފު ނިންމުމެއް ނަމަވެސް އެމެރިކާގެ ނުފޫޒުގައި މިއިން ކަމަކަށް ފިޔަވަޅެއް އެޅޭނެ އެއްވެސް ގޮތެއް ނެތެވެ.