ޔަމަނުގެ މަގުމަތީގައި 14 ކުއްޖަކު ކުޅެންތިއްބައި އެކުދިންނަށް އަމާޒުވީ ހޫތީން ފޮނުވައިލި މޮޓަރުބަޑީގެ ހަމަލާއެކެވެ. 4 ކުދިން ވަގުތުން މަރުވިއެވެ. ދެންތިބި ކުދިންނަށް ބޮޑެތި އަނިޔާތައް ލިބުނެވެ.
އަނިޔާލިބުނު ކުދިންގެ ތެރެއިން އެއް ކުއްޖަކީ އުމުރުން 7 އަހަރުގެ ތުއްތު ފަރީދުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުންގެ ކިބައިން ކުރީ އެންމެ އާދޭހެކެވެ، އޭނާ ވަޅު ނުލުމަށް އެދިއެވެ. މަރުވުމަކީ ކޮބައިކަމާއި ވަޅުލުމަކީ ކޮބައިކަން ތުއްތު ފަރީދަށް ނުއެނގޭތީ ކަމަށްވެދާނެއެވެ.
އެއިރު ފަރީދުގެ ބޮލުގެ ނާށިގަނޑު ވަނީ ފެޅިފައެވެ. ސިކުނޑިއަށް ދިއައީ ލޭ އޮހެމުންނެވެ. އެހާލަތުން ފަރީދު ސަލާމަތް ކުރުމަށް ޑޮކްޓަރުންނަށް ކުރެވެން އޮތް ހުރިހައި މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ފަރީދު ދިއައީ ކޯމާއަކަށެވެ.
ކޯމާގައި 3 ދުވަހު އޮތުމަށްފަހު މާތްﷲގެ ޙަޟްރަތަށް ދަތުރުކުރީއެވެ. ފަރީދުގެ އެދުން މިދުނިޔޭގައި ހާޞިލް ނުވީއެވެ.
ބުނެވޭގޮތުން ޔަމަނުގައި ކުރަމުން ގެންދާ ހަނގުރާމައިގައި ހަމަލާތައް ޢާންމުންނަށް އަމާޒުވަމުންދާތީ އެތައް ހާސް ކުދިންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. 800 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ.
ޔަމަނުގެ ރައްޔިތުން އެދި ދުޢާކުރަމުން ގެންދަނީ މިނިކަމެތި ހާލަތުން އެމީހުން ސަލާމަތް ކުރެއްވެވުން އެދިއެވެ.